19 އޮކްޓޯބަރ 2020 - 22:35

ރާއްޖޭގައި ހަލުއިކޮށް ފެތުރެމުން ދިޔަ ކޮވިޑް-19 މިހާރު ޖެހިފައިވާ މީހުންގެ އަދަދު، 1،000 އަށް ވުރެ މަދުވެ، ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް 90 ޕަސެންޓަށް ވުރެ މަތިވެއްޖެ އެވެ.
މިއީ ވޭތުވެ ދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ ބަލީގެ މީހުންގެ އަދަދު މިހާ މަދުވި ފުރަތަމަ ފަހަރެވެ. މިރޭގެ އަދަދުތަކާ އެކު، ބަލިން ރަނގަޅުވި މީހުންގެ ނިސްބަތް ނުވަތަ ރިކަވަރީ ރޭޓް ވަނީ 90.81 އަށް އަރައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް-19ގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 987 މީހުންނެވެ. ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 22 މީހުންނެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު ބަލި ޖެހުނު މީހުންގެ އަދަދު އެންމެ ދަށަށް ދިޔަ ފުރަތަމަ ފަހަރު ވެސް މެ އެވެ.
މިއަދު ޓެސްޓު ކުރި 1،338 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 17 ދިވެހިންނާއި ފަސް ބިދޭސީންނެވެ.
ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ އަދަދު 11،232 އަށް މިހާރު ވަނީ އަރައިފަ އެވެ. ބަލިޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބީ 39 މީހެކެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 354 މީހެކެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބަލި ޖެހޭ މީހުންގެ އަދަދު މި ފަހަކުން އަންނަނީ ދަށްވަމުންނެވެ. އެހެންވެ، އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ކަމާ ގުޅޭ މުއައްސަސާތަކުން ވަނީ ގިނަ ލުއިތަކެއް ދީފަ އެވެ. އެގޮތުން ރޭގަނޑު ވެހިކަލް ދުއްވޭ ވަގުތު 11 އިން ފަތިހު 4 އަށް ބަދަލުކޮށްފައިވާއިރު ކެފޭ/ރެސްޓޯރަންޓް ފަދަ ހިދުމަތްދޭ ތަންތަނުގެ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ.