19 އޮކްޓޯބަރ 2020 - 23:46

ހދ. ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރޭ މިންވަރު ބަލާފައި އެ ރަށުގައި މިހާރު އޮތީ ލޯކަލް ޓްރާންސްމިޝަން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެ އެެވެ.
ކޮވިޑްގެ ކޭހެއް ފެނުމުން ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް އެންމެ ފަހުން ގެނެސްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން އެކި ދުވަސް މަތިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވަނީ އެރަށުން ފެންނަން ފަށައިފަ އެވެ. އަދި އެ ރަށުގައި ލޯކަލް ޓްރާންސްމިޝަނެއް އޮތް ކަމަށް ކަނޑައެޅީ މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވި ހަތަރު މީހުންނާ ގުޅިގެން ކުރި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ފަހު ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
"މި ވަގުތު ކުޅުދުއްފުށީގެ ޓާސްކް ފޯހުން ދަނީ އެޗްއީއޯސީއާ އެއްކޮށް މަސައްކަތްކުރަމުން މި ހާލަތު ކޮންޓްރޯލްކުރަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެޗްއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި ބައިވެރިވި އިބްރާހިމް ނާޒިމް ވިދާޅުވީ ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާ ބައްދަލުވި 183 މީހެއްގެ ސާމްޕަލް މިހާތަނަށް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15 ދަރިވަރުންނާއި ހަތް ޓީޗަރުން ހިމެނެ އެވެ.
މި ކޭސްތަކާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން ހއ. ދިއްދޫ އާއި އެ އަތޮޅު ބާރަށާއި ހޯރަފުށި އަދި ށ. ފޮނަދޫގައި ވެސް ކޮންޓެކްޓުން ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންޓެކްޓްސްގެ ގޮތުގައި ދިއްދޫން ފާހަގަކުރެވުނު 47 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލޯކަލް ޓްރާންސްމިޝަން އޮންނަ ކަމަށް ކަނޑައަޅާފައިވާ ރަށްރަށުގައި އަމަލުކުރަން ޖެހޭ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖަންސީ (އެޗްޕީއޭ) އިން މީގެ ކުރިން ކަނޑައަޅާފައިވެ އެވެ. އެ އާއި އެއްގޮތަށް އަމަލުކުރަން މި ބްރީފިންގައި ބައިވެރިވި ޑރ. އަބްދުﷲ މައުރޫފް އެދިވަޑައިގެންނެވި އެވެ. ބޭރަށް ނުކުންނަ އިރު މާސްކު އަޅައިގެން ނޫނީ ނުނިކުންނާށާއި ވިޔަފާރިތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ވެސް އަމަލު ކުރަން ވާނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 22 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނެވެ. ޖުމްލަ 11،232 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 987 މީހުންނެވެ.