ހަމައެކަނި ޑިފެންޑަރުން ކުށްވެރިނުކުރާނަން: ލަމްޕާޑް
ހަމައެކަނި ޑިފެންޑަރުން ކުށްވެރިނުކުރާނަން: ލަމްޕާޑް

ލަންޑަން (އޮކްޓޫބަރު 20) - މި ސީޒަނުގައި މިހާތަނަށް ޗެލްސީ ކުޅުނު މެޗުތަކުގައި އެ ޓީމު ކޮޅަށް ވަދެފައި ހުރި ގޯލުތަކުގައި ހަމައެކަނި ޑިފެންޑަރުން ކުށްވެރިނުކުރާނެ ކަމަށާއި އެކަމުގައި މުޅި ޓީމުގެ ޒިންމާ ވެސް އެބައޮތް ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވެ ލަމްޕާޑަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމު ކޮޅަށް ވަންނަ ގޯލުތައް ގިނަވުމެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބޮޑު ހޭދައެއްކޮށް ސީޒަނާ ކުރިމަތިލިއިރު، އަނިޔާގެ މައްސަލަތަކާ ހުރެ ޓީމަށް ގެނައި ބައެއް ކުޅުންތެރިންނަށް ނުކުޅެވެ އެވެ. ޗެލްސީ ކުޅުނު މެޗުތަކުގައި އެ ޓީމު ކޮޅަށް ލަނޑުތަކެއް ވަދެފައިވާއިރު، އެންމެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ވަނީ ދެ ލަނޑުގެ ލީޑެއް ގެއްލި 3-3 އިން ސައުތެމްޓަންއާ އެއްވަރުވެފަ އެވެ. އެ މެޗުގައި ޗެލްސީގެ ގޯލު ބެލެހެއްޓީ މި ވަގުތު ފޯމު ގެއްލިފައި ހުރި ސްޕެއިނުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލަމްޕާޑް ބުނީ ކޮޅަށް ވަންނަ ގޯލުތައް ހުއްޓުވޭނީ މުޅި ޓީމު އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި މިއީ ހަމައެކަނި ޑިފެންޑަރުން ކުށްވެރިކުރެވޭނެ ކަމެއް ނޫން. އަހަރެމެން އެބަޖެހޭ ޓީމެއްގެ ގޮތުގައި މިކަން ހުއްޓުވަން ތައްޔާރުވެގެން ތިބެން މެޗުގެ ހުރިހާ ހާލަތަކަށް. އަހަރެމެން އަމިއްލަ އަށް ޓީމެއްގެ ގޮތުގައި މީގެ ހައްލު ހޯދަންވީ. ވަކިވަކި ކުޅުންތެރިއެއް ނޫނީ ބައެއްގެ ބަދަލުގައި އެއް ޔުނިޓެއްގެ ވިސްނުމުގައި ޓީމުގެ ކުޅުން ރަނގަޅުކުރުމަކީ މީގެ ހައްލު،" ލަމްޕާޑް ބުންޏެވެ.

ލަމްޕާޑް ބުނީ އޭނާ ބޭނުންވާ ސްޓައިލަށް އެ ޓީމު ހޭނުވުމުގައި ވަގުތު ނަގާނެ ކަމަށާއި މިދިޔަ ސީޒަނާއި މި އަހަރު އެކަން ކުރުމުގައި ތަފާތުތަކެއް އެބަހުރި ކަމަށެވެ.

"މި ސީޒަނުގައި އާ ކުޅުންތެރިންތަކެއް ގެނެސްގެން މާ ބޮޑު ތައްޔާރީތަކެއް (ޕްރީ ސީޒަނެއް) ނެތި ކުޅެނީ. ވަގުތު ނަގާނެ އަހަރެން ބޭނުންވާ ގޮތަށް ކުޅުވަން. އެކަމަކު މިހާތަނަށް ފެނުނު ކަންތައްތަކަށް ބަލާއިރު ވެސް ބޭނުންވާ ބައެއް ކަންތައްތައް އެބަފެނޭ،" ލަމްޕާޑް ބުންޏެވެ.

ސެނެގޯލް ގައުމީ ޓީމާ އެކު ހުއްޓައި އަނިޔާވި ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ އަށް މިރޭ ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް މެންޑީ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ޗެލްސީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ 2017 ވަނަ އަހަރު އެތުލެޓިކޯ މެޑްރިޑް އަތުންނެވެ. ފަސް މެޗުން އެއްވަރުވިއިރު ތިން މެޗުން ވަނީ ބަލިވެފަ އެވެ. މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ޗެލްސީން ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗަކީ ޔޫރަޕްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.