20 އޮކްޓޯބަރ 2020 - 09:29

މެޑްރިޑް (އޮކްޓޫބަރު 20) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ރެއާލް މެޑްރިޑުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަަކަށް ދޫކޮށްލި ތިން ކުޅުންތެރިއެއްގެ ޑީލް ކުރިއަށްދިޔަ ގޮތާ މެދު އެ ކްލަބުގެ ބޯޑުގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހި ކޯޗު ޒިނެދީން ޒިދާން އަށް ޕްރެޝަރުކޮށްފި އެވެ.

ރެއާލުން ދޫކޮށްލީ ހަމޭސް ރޮޑްރިގޭޒާއި ސާޖިއޯ ރެގީލޯން އާއި ޑެނީ ސެބާޔޯސް އަދި ގަރެތު ބޭލް އެވެ. ބޭލް އާއި ރެގީލޯން ގުޅުނީ ޓޮޓެންހަމްއާ އެވެ. އެވަޓަން އިން ހަމޭސް ގަތްއިރު، ސެބާޔޯސް އާސެނަލަށް ބަދަލުވީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ބޭލްގެ ސޮއި ޓޮޓެންހަމުން ލޯން އެއްބަސްވުމެއްގެ ދަށުން ހޯދި ނަމަވެސް ރެގީލޯން ގަތީ އެވެ. ރެގީލޯންގެ ޑީލުގައި ރެއާލަށް އަނބުރާ ބަދަލުވެވޭ ގޮތަށް ވަކި މާއްދާއެއް ހިމަނާފައިވެ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ދޫކޮށްލި ކުޅުންތެރިންގެ ތެރެއިން މިހާތަނަށް ހަމޭސް އާއި ރެގީލޯން އަދި ސެބާޔޯސް ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކާއިރު، ސްޕެނިޝް ލީގުގައި މިހާތަނަށް ރެއާލުން ކުޅުނު މެޗުގައި އެދެވޭ ކުޅުމެއް ނުފެންނާތީ ބޯޑު މެމްބަރުން ވަނީ ކްލަބުން ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކެއް ދޫކޮށްލި ސަބަބެއް އޮޅުން ފިލުވަން ބޭނުންވެފަ އެވެ.
ރެއާލުގެ ބައެއް ބޯޑު މެމްބަރުންގެ ނަޒަރުގައި މި ސީޒަނުގައި ރެއާލްގައި ދުވަސްވީ ކުޅުންތެރިން ނިސްބަތުން ގިނަވެފައިވާއިރު، ސެބާޔޯސް އާއި ރެގީލޯން އަދި ހަމޭސް ފަދަ ކުޅުންތެރިންގެ ބޭނުން ރަނގަޅު ގޮތުގައި ކުރެވޭނެ އެވެ. ސްޕެއިން ގައުމީ ޓީމުގައި ގަވާއިދުން ކުޅެމުން އަންނަ ރެގީލޯން އާއި ސެބާޔޯސް އަންނަނީ ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ސެބާޔޯސް އާއި ރެގީލޯން ސްޕެނިޝް ލީގުގައި ކުޅޭނަމަ އެ ކުޅުންތެރިންގެ ސްޓައިލާ އެއްގޮތަށް ކުރިއަށްދާން ފަސޭހަތަކެއް ވެގެންދާނެ ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ގިނަ ބޯޑު މެމްބަރުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ނިންމުމަކީ އެވަޓަން އަށް ހަމޭސް ދޫކޮށްލި ގޮތެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ފަސް މެޗު ކުޅެ ބަލިނުވެ ލީގުގެ އެއް ވަނައިގައި އެވަޓަން އޮތުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ ހަމޭސް އެވެ. ހަމޭސް ރެއާލް ދޫކޮށްލީ ޒިދާނާ ދެބަސްވުންތަކެއް އުޅޭތީ ކަމަށް ދެކުނު އެމެރިކާގެ މީޑިއާ ތަކުން ރިޕޯޓްކުރެ އެވެ. ސްޕެއިނުގެ ރޭޑިއޯ އަކުން ދާދި ފަހުން ގެނެސްދިން ޕްރޮގްރާމެއްގައި ރެއާލްގެ ބޯޑު މެމްބަރަކާ ހަވާލާދީ ރިޕޯޓްކުރި ގޮތުގައި ހަމޭސް ރެއާލް ދޫކޮށްލުމަކީ ކްލަބްގެ ސީނިއާ މެނޭޖްމަންޓަށް ވުރެ ބޮޑަށް ޒިދާންގެ ނިންމުމެކެވެ.
ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެން ރެއާލް އޮތީ ލީގުގެ ތިން ވަނައިގަ އެވެ. ލީގުގައި ދެން ރެއާލް ކުޅޭ މެޗުގައި ނުކުންނާނީ ވާދަވެރި ބާސެލޯނާއާ ދެކޮޅަށެވެ. މި ފަހަރުގެ ސީޒަނަށް ރެއާލުން ތައްޔާރުވިއިރު، ޒިދާން ވަނީ އެ ޓީމުގެ ސްކޮޑާ މެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
ކޮވިޑް-19ގެ ސަބަބުން ލިބޭނެ އާމްދަނީ އަށް ބެލުމެއްނެތި ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަރަދެއް ނުކުރެ އެވެ. ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ގަންނަން މާ ބޮޑު ހަރަދެއްނުކުރީ އެހެންވެގެން ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އަންނަ އަހަރު ރެއާލުން އަނެއްކާ ވެސް ޓްރާންސްފާ މާކެޓްގައި އެކްޓިވްވާނެ ކަމަށް ބެލެވިފައިވާއިރު، އެމްބާޕޭގެ އިތުރުން ފްރާންސްގެ 17 އަހަރުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ނޯވޭ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހޯދަން މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.