ބަލިފެތުރޭތީ އިޓަލީގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
ބަލިފެތުރޭތީ އިޓަލީގެ ފިޔަވަޅުތައް ވަރުގަދަކޮށްފި

ރޯމް (އޮކްޓޯބަރު 19) - ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުން ދާތީ އިޓަލީން އަޅާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފި އެވެ.

ބޮޑުވަޒީރު ޖިއުސެއްޕެ ކޮންޓޭ ވިދާޅުވީ ފިޔަވަޅުތައް ހަރުކަށި ކުރީ އިތުރު ލޮކްޑައުނަކަށް ނުގޮސްވޭތޯ ކަމަށެވެ. އިޓަލީގައި އަލަށް އަޅާ ފިޔަވަޅުތަކުގެ ދަށުން ރޭގަނޑު ނުވައެއްގެ ފަހުން ހުރިހާ ތަންތަނެއް ބަންދު ކުރުމުގެ ބާރު ވަނީ މޭޔަރުންނަށް ދީފަ އެވެ. އަދި ރެސްޓޯރެންޓްތައް ހުޅުވާނެ ގަޑި އާއި އެ ތަންތަނަށް މީހުން ވަންދާނެ އަދަދު ކަނޑައަޅާނީ ވެސް މޭޔަރުންނެވެ.

އިޓަލީން ފިޔަވަޅުތައް ހަރުކަށިކޮށްފައި ވަނީ ވޭތުވެދިޔަ ދެ ދުވަހު ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހޮނިހިރު ދުވަހު 10،925 މީހުން ޕޮޒިޓިވްވި އިރު އާދިއްތަ ދުވަހު ވަނީ 11،705 މީހުން ޕޮޒިޓިވްވެފަ އެވެ.

ކޮރޯނާވައިރަސް އެންމެ ފުރަތަމަ ފެށުނު ދުވަސްވަރު ޔޫރަޕުން އެ ބަލި އެންމެ ބޮޑަށް ފެތުރު އެއް ގައުމަކީ އިޓަލީ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 414,241 މީހުން ޕޮޒިޓިވްވެ 36,543 މީހުން މަރުވެފަ އެވެ.

ގައުމާ މުޚާތަބް ކުރައްވައި ކޮންޓޭ ވިދާޅުވީ ވަގުތު ބޭކާރު ކުރެވެން ނެތް ކަމަށާއި ވީހާ ވެސް އަވަހަށް ފިޔަވަޅުތައް އަޅައިގެން އިތުރު ލޮކްޑައުންކަށް ނުގޮސް ގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

"އެންމެ މުހިންމު ފިޔަވަޅަކީ ސިއްހީ އަސާސީ ކަންކަމަށް ސަމާލުކަން ދިނުން. އޭގެ ތެރޭގައި މާސްކް އެޅުމާއި އަތްދޮވުމާއި ގައިދުރުކަން ބެހެއްޓުން ހިމެނޭ،" ކޮންޓޭ ވިދާޅުވި އެވެ.

- ހައި ސްކޫލްތަކުގެ ކިޔެވުމަށް ބަދަލު ގެނައުން. ސްކޫލްތައް ފަށާ ގަޑި ލަސްކުރުން. އަދި ދުރުންދޭ ތައުލީމަށް އިސްކަން ދިނުން.

- ރެސްޓޯރެންޓްތަކާއި ބާތައް 12 ކުރިން ބަންދުކުރުން. އިރުއޮއްސި 6 ގެ ފަހުން ޚިދުމަތް ދޭ އިރު ގްރޫޕެއްގައި ގިނަވެގެން ހިމެނޭނީ ހަ މީހުން.

- ކޮންފަރެންސްތަކާއި ފެސްޓިވަލްތައް މެދުކަނޑާލުން.

- އެމެޗާ ކުޅިވަރުތައް މެދުކަނޑާލުން.

- ޖިމްތަކާއި ސްވިމިން ޕޫލްތަކުން ހަތް ދުވަސްތެރޭ އާ ޕްރޮޓޮކޯލްތަކެއް ކަނޑައެޅުން.

ޔޫރަޕުގެ ބައެއް ގައުމުތަކުގައި ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ތަޖްރިބާކުރަން ޖެހި ފިޔަވަޅުތައް މިހާރު ދަނީ ހަރުކަށި ކުރަމުންނެވެ. އެ ގޮތުން ފްރާންސްގައި ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވާން ފެށުމުން ހޮނިހިރު ދުވަހުން ފެށިގެން ވަނީ ނުވަ ސިޓީއެއްގައި ރޭގަނޑު 9 އިން ހެނދުނު 6 އާ ދެމެދު ކާފިއު ހިންގަން ފަށައިފަ އެވެ. ބެލްޖިއަމްގައި ހޯމަ ދުވަހުން ފެށިގެން ދެ ހަފުތާ އަށް ބާތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާނެ އެވެ. އަދި ރޭގަނޑު 12 އިން ފަތިހު 5 އާ ދެމެދު ކާފިއު ހިންގާނެ އެވެ.

ސްވިޒަލެންޑުގައި ވަނީ ހޯމަ ދުވަހުން ފެށިގެން އިންޑޯ ތަންތަނުގައި މާސްކް އެޅުން މަޖްބޫރުކޮށް 15 މީހުންނަށް ވުރެ ގިނައިން އެއްވުން މަނާކޮށްފަ އެވެ. ޖަރުމަނުން ވެސް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވާން ފެށުމުން ޗާނެސެލާ އެންޖެލާ މާކެލް ވަނީ މީހުން ބޭރަށް ނުނިކުމެ އުޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ.