ޑިޕާއީ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅިދާނެ
ޑިޕާއީ ޖެނުއަރީ މަހު ބާސެލޯނާއާ ގުޅިދާނެ

ބާސެލޯނާ (އޮކްޓޫބަރު 19) – ލިޔޯންގެ ނެދަލެންޑްސް ވިންގާ މެމްފިސް ޑިޕާއީ ޖެނުއަރީ މަހު ގެންނަން ޝައުގުވެރިވާ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.

ކޫމަންގެ ކޯޗުކަމުގައި ނެދަލެންޑްސް ގައުމީ ޓީމަށް ކުޅެފައިވާ ޑިޕާއީ ގަންނަން ބާސެލޯނާ އިން ނިމިދިޔަ ޓްރާންސްފާގައި މަސައްކަތްކުރި އެވެ. ލިޔޯނުން އޭރު އެއްބަސްނުވީ އެވެ. އެކަމަކު ލިޔޯންގެ ކޮންޓްރެކްޓް އާކުރަން ޑިޕާއީ ބޭނުންނުވާތީވެ، ޖެނުއަރީ މަހު އޭނާ ވިއްކާލަން އެ ޓީމަށް ފާޑަކަށް މަޖުބޫރުވާނެ އެވެ. އަދި އެކަން އެހެންނުވެއްޖެ ނަމަ ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ޑިޕާއީ އަށް ބާސެލޯނާއާ ގުޅެވިދާނެ އެވެ.

ކޫމަން ބުނީ މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ވިންގާ ޑިޕާއީ ހޯދަން މަސައްކަތްކުރުމަކީ ޔަގީނުން ވެސް ވެދާނެ ކަމެއް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށެވެ. އެކަމަކު ޖެނުއަރީ މަހު ކްލަބުގެ މާލީ ހާލަތު އޮންނާނެ ގޮތެއް މިވަގުތު ބުނަން ނޭގޭތީ، އެކަމަށްޓަކައި ޖެހެނީ އެހާތަނަށް މަޑުކުރަން ކަމަށް ކޫމަން ބުންޏެވެ.

"އެކަން ނިންމުމުގެ ރޯލެއް އަހަރެންގެ އަތަކު ނެތް. ކްލަބަށް އެކަން ބަރޯސާވަނީ. އަހަންނަށް އޮތީ މަޑުކުރަން. މެމްފިސް އަކީ ވަރުގަދަ ކުޅުންތެރިއެއް އެހެންކަމުން އަހަރެމެން އޭނާ ބޭނުން. އަދި އަހަރެމެން ދެކޭ ގޮތުގައި އަހަރެމެންގެ ނެތް ބައެއް ކަންކަން އޭނާ އަތުވެއްޖެ ނަމަ ލިބޭނެ. ހާއްސަކޮށް އެޓޭކުގައި އިތުރު އޮޕްޝަންތަކެއް ލިބޭނެ،" ކޫމަން ބުންޏެވެ.