އަނަސްގެ ހަށިގަނޑުގައި 24 ޒަހަމެއް، ބޮޑު ދެ ޒަހަމެއް ވެސް ހުރި: ޑޮކްޓަރު
އަނަސްގެ ހަށިގަނޑުގައި 24 ޒަހަމެއް، ބޮޑު ދެ ޒަހަމެއް ވެސް ހުރި: ޑޮކްޓަރު

މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ ހަށިގަނޑުގެ 24 ތަނަކަށް ހަމަލާދީފައި ހުރި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރުު ތެރޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި އަނަސްގެ މަރުގެ މައްސަލާގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ ލ. ގަން ތުނޑީ، ނަންނާރިިގޭ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި ދަފްތަރުު 1746 ސިމާހް މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ސިމިޝްގު އުސްމާން ޝަރީފްގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގް އަދި ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުން އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރެވެ. އޭނާ ބުނީ އަނަސްގެ ހަށިގަނޑު ބެލިއިރު އެއްވެސް ވިންދެއް އަދި ދިރިހުރި ކަމުގެ ނިޝާނެއް ނެތް ކަމަށެވެ. އަދި ހަށިގަނޑު އެކި ތަންތަނުގައި 24 ވަރަކަށް ޒަހަމް ހުރިއިރު، އޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކެއް ވެސް ފެންނަން ހުރި ކަމަށް އެ ޑޮކްޓަރު ބުންޏެވެ.

އެގޮތުން ކަރުގެ އެއް ފަރާތަކުން ފެންނަން ހުރި ބޮޑު ޒަހަމަކާއި ފުއްޕާމެއާ ދިމާލުން މެއަށް ދީފައި ހުރި ބޮޑު ޒަހަމެއް ހުރި ކަމަށާއި އޭގެ ސަބަބުން ފުއްޕާމޭގެ އެތެރެއިން ވެސް ޒަހަމެއް ހުރި ކަމަށް ޑޮކްޓަރު ބުންޏެވެ. އެއީ މީހަކު މަރުވެދާނެ ފަދަ އަނިޔާތަކެއް ކަމަށާއި އަދިި އަނަސް މަރުވީ އެ އަނިޔާތަކުގެ ސަބަބުން ލޭ މަދުވެ، އަދި އޮކްސިޖަން ނުލިބިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އަނަސްގެ ހަށިގަނޑުގެ އެތެރެއަށް ލިބިފައި ހުރި އަނިޔާތަކުގެ ތަފްސީލާއި މަރުވި އަސްލު ސަބަބު ޔަގީން ކުރެވޭނީ ޕޯސްޓްމޯޓަމެއް ހަދައިގެން ކަމަށް އެ ޑޮކްޓަރު ބުންޏެވެ. އަދި އެފަދަ ކަންކަމަށް ލަފާ ދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ނުވާތީ އެގޮތަށް ލަފާ ދީފައި ނުވާނެ ކަމަށް ވެސް އެ ޑޮކްޓަރު ބުންޏެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ޖުނައިހް ވަނީ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް އޭނާ އަށް ޖަލުގައި ބޭސްފަރުވާ ނުދޭ ކަމުގެ ޝަކުވާކޮށްފަ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި މާފުށީ ޖަލުގައި ހުރެގެން ޖުނައިހު ބުނީ އޭނާ ޑޮކްޓަރަށް ދައްކަން ކަރެކްޝަނަލް ސާވިސް އަށް ކޯޓުން އެންގުމުން އެކަން ކުރީ ނަމެއްގައި ކަމަށެވެ. އަދި ޑޮކްޓަރު ދިން ބޭސްތައް އޭނާ އަށް ނުދޭ ކަމަށާއި ދެ ހަފުތާ ފަހުން ޑޮކްޓަރަށް ދައްކަން ލަފާ ދިނަސް، އެކަން ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ދައުލަތުން ބުނީ ކުރިން ކޯޓުން އެންގި އެންގުމާ އެއްގޮތަށް ޖުނައިހު ޑޮކްޓަރަށް ދެއްކި ކަމަށެވެ. އެކަމަކު ފަހުން ޑޮކްޓަރަށް ދެއްކިކަން ކަށަވަރު ކުރުމަށްޓަކައި އެ މައުލޫމާތު ސާފުކުރާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު އެންގެވީ ދައުލަތުން އެކަންކަން ގާތުން ބަލަމުން ގެންދިއުމަށެވެ.

އެ މައްސަލާގެ މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. އިތުރު ހެކިންގެ ހެކިބަސް ނެގުމަށް އަންނަ މަހު އިތުރު އަޑުއެހުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.