31 އޮކްޓޯބަރ 2016 - 10:35

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ސެކްޓަރީ ޖެނެރަލް ޝައްމޫން ހަމީދު އެ މަގާމުން ވަކިކުރަން އެ ކޮމިޝަނުން ނިންމި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ޝައްމޫން ވަކިކުރަން އެ ކޮމިޝަނުން ނޯޓިސް ދިނީ އެ ކޮމިޝަނަށް އާ ސެކެޓްރީ ޖެނެރަލަކު އައްޔަންކުރަން ޖެހޭ ގޮތަށް ކޮމިޝަންގެ ގަވާއިދަށް އިސްލާހު ގެނައުމުންނެވެ. ގަވާއިދަށް ގެނައި އެ އިސްލާހާ އެކު، ޝައްމޫން މަގާމުން ވަކިވާނެ ކަން އަންގައި، މިހާރު ވަނީ އޭނާއަށް ނޯޓިސް ދީފަ އެވެ.
ޝައްމޫންގެ ފަރާތުން އިއްޔެ ކޯޓަށް ހުށަހެޅި މައްސަލާގައި ވަކާލާތު ކުރައްވަނީ އޭނާއާ އެއްބަނޑު އެއްބަފާ ދެބެއިން ކަމަށްވާ މަޝްހޫރު ވަކީލް ޝާހީން ހަމީދާއި މައުމޫން ހަމީދު ކަމަށް ވަނީ އެނގިފަ އެވެ.
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ކުރީގެ އެޓޮލްސް މިނިސްޓަރު އަބްދުﷲ ހަމީދުގެ ދަރިކަލުން ކަމަށްވާ ޝައްމޫން އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްގެ މަގާމަށް 2012 ގައި އައްޔަން ކުރުމުގެ ކުރިން އެ ކޮމިޝަންގެ އެހެން ބައެއް މަގާމުތައް ވެސް އަދާކުރެއްވި އެވެ.
އެޗުއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރަކީ ފަސް އަހަރު ކަމަށް ކަނޑައަޅައި ގަވައިދަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތަށް ނިންމައި، ޝައްމޫނަށް ނޯޓިސް ދިނީ މި މަހުގެ ނިޔަަލަށް އޮފީހަށް ނުކުމެވަޑައިގަންނަވާ ގޮތަށް ކަމަށް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ. އެކަމަކު އޭނާގެ ފަސް އަހަރުގެ ދައުރު އަދި ހަމަނުވާ އިރު ނޯޓިސް ދިނީ ކީއްވެގެން ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޝައްމޫންގެ މަގާމު ގެއްލޭ ފަދަ ގޮތަކަށް އެޗުއާރުސީއެމްގެ ގަވާއިދަށް ބަދަލު ގެނައިި އިރު، ހަމީދުގެ އެކި ބޭފުޅުން މިހާރު ތިއްބެވީ ސިޔާސީ ގޮތުން ތަފާތު ވިސްނުމެއްގަ އެވެ. ބައެއް ބޭފުޅުން ރައީސް ޔާމީނަށް ތާއީދުކުރައްވާ އިރު އަނެއް ބައި ބޭފުޅުން ތިއްބެނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހުގަ އެވެ.