ލިވަޕޫލްގެ ވެން ޑައިކަށް ސީޒަން ނިމުމުގެ ބިރު އެބައޮތް
ލިވަޕޫލްގެ ވެން ޑައިކަށް ސީޒަން ނިމުމުގެ ބިރު އެބައޮތް

ލިވަޕޫލް (އޮކްޓޫބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އެވަޓަންއާ 2-2 އިން އެއްވަރުވި މެޗުގައި ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން އޭނާ އަށް މި ސީޒަނުގެ ބާކީ ބައިގައި ނުކުޅެވުމުގެ ބިރު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލިވަޕޫލްގެ ވެން ޑައިކަށް ސީޒަން ނިމުމުގެ ބިރު އެބައޮތް
ލިވަޕޫލްގެ ވެން ޑައިކަށް ސީޒަން ނިމުމުގެ ބިރު އެބައޮތް

އެވަޓަންގެ ގުޑިސަން ޕާކުގައި ކުޅުނު މެޗުގެ ކުރީކޮޅުގައި އެ ޓީމުގެ ކީޕަރު ޖޯޑަން ޕިކްފޯޑް އޮފްސައިޑްވެފައި އޮތް ބޯޅައެއްގައި ވެން ޑައިކަށް ޓެކުލްކުރި ނަމަވެސް އެ މެޗުގެ ރެފްރީ ޕިކްފޯޑަށް ކާޑެއް ނުދައްކަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވެސް ނިންމީ ޕިކްފޯޑަށް ކާޑެއް ދައްކަން ނުޖެހޭ ކަމަށެވެ. ޕިކްފޯޑަށް ކާޑު ނުދައްކަން ނިންމި ނިންމުމަށް ގިނަ ފުޓްބޯޅަ އެނަލިސްޓުން ފާޑުކިޔާފައިވާއިރު، ލިވަޕޫލުން ވަނީ އެވަޓަން މެޗުގައި ވީއޭއާރްގެ ނިންމުންތައް އައި ގޮތެއް އޮޅުންފިލުވަން ރަސްމީކޮށް އެފްއޭގައި އެދިފަ އެވެ.

ލިވަޕޫލުން ވެން ޑައިކް ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަން ކަށަވަރުކޮށްދިން ނަމަވެސް އޭނާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ކިހާ މުއްދަތެއްގެ ތެރޭގައި ކަމެއް ނުބުނެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާގޮތުގައި އޮޕަރޭޝަން ރަނގަޅަށް ގޮސްފިނަމަ ނަމަ އެންމެ އަވަސް ވެގެން ވެސް އުމުރުން 29 އަހަރުގެ ވެން ޑައިކަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު އޭޕްރީލް ނޫނީ މެއި މަހުގެ ތެރޭގަ އެވެ.

ވެން ޑައިކް ނެތި ކުޅެން ޖެހުމަކީ ލިވަޕޫލަށް ދިމާވާނެ ބޮޑު ގޮންޖެހުމެކެވެ. ލިވަޕޫލްގައި މި ވަގުތު ފުރަތަމަ ޓީމަށް ތިބި ދެ ޑިފެންޑަރުން ކަމަށްވާ ޖޮއެލް މަޓިޕާއި ޖޯ ގޯމޭޒްގެ އިތުރުން ދެން އެ މަގާމަށް ކުޅެވޭ ގޮތަށް ހުރީ ފަބީނިއޯ އެވެ. ލިވަޕޫލްގެ ޒުވާން ޑިފެންޑަރުން މީގެ ކުރިން ކަޕް މުބާރާތްތަކުގައިވަނީ ބޭނުންކޮށްފަ އެވެ. އެއީ ނެޓްސް ފިިލިޕްސް އާއި ބިލީ ކުމެޓިއޯ އަދި ރީސް ވިލިއަމްސް އެވެ.

ވެން ޑައިކްގެ އަނިޔާއާ އެކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ޑިފެންސް ލައިނުގައި މައްސަލަތައް ދިމާވާނެ އެވެ. ލިވަޕޫލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޑޭޔާން ލޮވްރެން ދޫކޮށްލުމަށް ފަހު ބަދަލުގައި ޑިފެންޑަރެއް ނުގެނެ އެވެ. ވެން ޑައިކްގެ އަނިޔާއާ ގުޅިގެން ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން ޑިފެންޑަރެއް ގެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ލިވަޕޫލްގެ އިތުރުން މިއީ ނެދަލެންޑްސް އަށް ވެސް ލިބުނު ގެއްލުމެކެވެ. ނެދަލެންޑްސްގެ ކެޕްޓަންކަން މިދިޔަ ދެ އަހަރު ކުރަމުން އަންނަ ވެން ޑައިކަކީ އެ ޓީމުގެ ހުރިހާ މެޗެއްގައި ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. ޔުއެފާ ނޭޝަންސް ލީގުގެ މުހިއްމު މެޗުތަކެއް އަންނަ މަހުގައި އޮތްއިރު، އަންނަ އަހަރު ޖޫން މަހު ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދާނެ އެވެ.

ސައުތެމްޓަން ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި 75 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ އަކަށް ލިވަޕޫލާ ގުޅުމަށް ފަހު ވެން ޑައިކް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ލިވަޕޫލާ ގުޅުނު ފަހުން ވެން ޑައިކަށް އަނިޔާގެ މާ ބޮޑު މައްސަލައެއް ކުރިމަތިނުވެ އެވެ.

ވެން ޑައިކް ވަނީ ލިވަޕޫލާ އެކު ދެއްކި މޮޅު ކުޅުމާ އެކު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އޭނާގެ މޮޅު ކުޅުމާ އެކު ލިވަޕޫލުން ވަނީ 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގާއި ހަ ވަނަ ޗެމްޕިއަންސް ލީގުގެ އިތުރުން ޔުއެފާ ސުޕަ ކަޕާއި ފުރަތަމަ ފަހަރަށް ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.