18 އޮކްޓޯބަރ 2020 - 17:56

ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި 80 އަހަރުގެ ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނިގޮތުގައި މިއީ މި ބަލީގައި ރާއްޖެ އިން މިހާތަނަށް މަރުވި 37 ވަނަ މީހާ އެވެ. މި ބަލީގައި އިއްޔެ ވަނީ 67 އަހަރުގެ މީހަކު މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް ދެ ވަނަ ފަހަރަށް އިތުރުވަމުން ގޮސް މިހާރު އަނެއްކާ ވަނީ ދަށަށް ދާން ފަށައިފަ އެވެ. އިއްޔެ ޕޮޒިޓިވް އަދަދަކީ އެޗްއީއޯސީން އާއްްމުކުރި ގޮތުގައި 24 އެވެ.
ކޮވިޑަށް ރާއްޖެ އިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11،178 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 10،097 މީހުން ރަނގަޅުވެފައިވާއިރު މިވަގުތު ފަރުވާދެމުން އަންނަނީ 1،138 މީހުންނަށެވެ.
މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 43 މީހުންނެވެ. އެ އެންމެން ވެސް ތިބީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެޗްއީއޯސީން ރޭ ވަނީ ބުނެފަ އެވެ.