18 އޮކްޓޯބަރ 2020 - 15:03

މާލެ އަދި ވިލިމާލެއިން ތިން ގޯއްޗެއް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެ ބިންތައް މޯގޭޖްކުރުމަށް ފަހު އަމިއްލަ ބޭނުމަށް ލޯނެއް ނެގި ކަމުގެ ތުހުމަތުގައި ފުލުހުންނަށް ހާޒިރުވާން އެންގި ދެ މީހުން އަދިވެސް ހާޒިރު ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހަފުތާގައި ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި މައްސަލައިގައި ހޯދަނީ އުމުރުން 50 އަހަރުގެ ހުސެއިން ނަސީރާއި އުމުރުން 48 އަހަރުގެ އާމިނަތު ލަތީފާ ކަމަށެވެ. މި ދެ މީހުންގެ ވެސް ދާއިމީ އެޑްރެސް އޮންނަނީ މާލޭ ދަފްތަރުގަ އެވެ. އެ ދެ މީހުން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން މިއަދު ހާޒިރު ނުވާ ކަމަށެވެ.
"އެ މީހުން ހޯދުމަށް ދެން އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އޭ ބޮސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ތިން ގޯތި މޯގޭޖްކުރުމަށް ފަހު މޮރިޝަސް ކޮމާޝަލް ބޭންކުން އަމިއްލަ ލޯނެއް ނަގާފައިވާ ކަމަށް އެ މީހުންނަށް ތުހުމަތު ކުރެ އެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
އެ ދެ މީހުން ހޯދަން އިއުލާނުކުރީ އެ މީހުން އުޅޭ ތަނެއް ނޭނގުމުން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.