އެންމެ ރަނގަޅު ލަގްޒަރީ ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ހިމެނިއްޖެ
އެންމެ ރަނގަޅު ލަގްޒަރީ ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ހިމެނިއްޖެ

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓޫރިސްޓް ހޮޓާތަކާއި ރިސޯޓްތަކަށް ދޭ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ ގިނަ ވަނަތަކެއް ރާއްޖެ އަށް ލިބިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ އެވޯޑް ހަފްލާގައި ރާއްޖެ އަށް ބައިނަލްއަގުވާމީ ހުރިހާ ކެޓަގަރީއަކުންހެން އެވޯޑްތައް ލިބުނެވެ. އެ ގޮތުން، ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ރިސޯޓްތަކަށް ދޭ އެވޯޑް ރާއްޖޭގެ ހަ ރިސޯޓަކަށް ލިބުނެވެ. އެއީ:

- ލަގްޒަރީ ބީޗް ރިސޯޓް: ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް

- ލަގްޒަރީ ވޯޓާ ވިލާ ރިޒޯޓް: ޑައިމަންޑްސް ތުނޑުފުށި

- ލަގްޒަރީ ގްރީން ހޮޓާ: ކޮންސްޓެންސް މޫފުށި މޯލްޑިވްސް

- ލަގްޒަރީ ގެސްޓް ހައުސް: ހޮޓެލް އޯޝަން ގްރޭންޑް ހޮޓެލް

- ގްރޭންޑް އެކްސެލެންސް އެވޯޑް: ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް

- ލަގްޒަރީ ފެމިލީ އޯލް އިންކުލޫސިވް ހޮޓާ: ލިލީ ބީޗް ރިސޯޓް

ގަތަރުގެ ސެއިންޓް ރެޖިސް ހޮޓަލުގައި ބޭއްވި އެވޯޑް ހަފްލާގައި، މުޅި އޭޝިއާ ބައްރުން ވެސް ރާއްޖެ އަށް ވަނީ ދެ އެވޯޑެއް ލިބިފަ އެވެ. އެއީ ރާއްޖޭގެ ކޮކޯ ކަލެކްޝަނަށް މި ސަރަހައްދުގެ އެންމެ މޮޅު ރިސޯޓް ބްރޭންޑްގެ އެވޯޑް އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑަށް ލިބުނު ލަގްޒަރީ ވިލާ ރިސޯޓްގެ އެވޯޑެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ފާހަގަކޮށްލެވޭ ރިސޯޓްތަކުގެ ތެރޭގައި ވެސް ރާއްޖޭގެ ހަ ރިސޯޓެއް ވަނީ ހިމެނިފަ އެެވެ. އެއީ:

- ލަގްޒަރީ ޕްރައިވެޓް ޕޫލް ވިލާ: ހައިޑްއަވޭ ބީޗް ރިސޯޓް އެންޑް ސްޕާ އެޓް ދޮނަކުޅި

- ލަގްޒަރީ ހަނީމޫން ހޮޓެލް: މަކުނުދޫ އައިލެންޑް އަދި ޖޭއޭ މަނަފަރު

- ލަގްޒަރީ އެއާޕޯޓް ހޮޓެލް: ހުޅުލޭ އައިލެންޑް ހޮޓެލް

- ލަގްޒަރީ ބުޓީކް ހޮޓެލް: މިރިހި އައިލެންޑް

- ބެސްޓް ސާވިސް ލަގްޒަރީ ވިލާ: ކޮނޮއްޓާ މޯލްޑިވްސް

- ލަގްޒަރީ ސްޕާ ހޮޓެލް: ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް

މީގެ އިތުރުން، ގައުމީ ފެންވަރުގެ ހަތް އެވޯޑް ވެސް ރާއްޖޭގެ ރިސޯޓްތަކަކަށް ލިބިފައިވެ އެވެ. އެއީ:

- ލަގްޒަރީ ވިލާ ރިސޯޓް: ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓް

- ލަގްޒަރީ އައިލެންޑް ރިސޯޓް: ޖުމެއިރާ ވިޓަވެލި

- ލަގްޒަރީ ފެމިލީ އޯލް އިންކުލޫސިވް ހޮޓާ: ކުރުނބާ މޯލްޑިވްސް

- ލަގްޒަރީ ބީޗް ރިސޯޓް: ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ

- ލަގްޒަރީ ރޮމޭންޓިކް ހޮޓާ: ރޯޔަލް އައިލެންޑް ރިސޯޓް

- ލަގްޒަރީ އެޑަލްޓް ބީޗް ރިސޯޓް: ސެންޓާރާ ރަސްފުށި

- ލަގްޒަރީ ހަނީމޫން ހޮޓާ: ކޮކޯ ބޮޑު ހިތި

މީގެ 10 އަހަރު ކުރިން ދޭން ފެށި ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި މި އަހަރު 60 ކެޓަގަރީ އަކުން އެވޯޑް ދީފައިވެ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ އެވޯޑްތަކުގެ އިތުރަށް ސަރަހައްދީ އަދި ގައުމީ ފެންވަރުގެ އެވޯޑްތަައް ހިމެނޭ އިރު، ރާއްޖޭން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ބްރޭންޑްތަކާއި ރިސޯޓްތަކާ ވާދަކޮށްފަ އެވެ.

އެންމެ މަގުބޫލް ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތައް ހިމެނުނު އިރު، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދޭ އެކި ފެންވަރުގެ އެވޯޑްތައް ރާއްޖެ އަށް އަބަދު ވެސް ލިބެ އެވެ. އޭގެ ތެރޭގައި އެންމެ މަގުބޫލް ޖަޒީރާ ގައުމުގެ އެވޯޑާއި އެންމެ ރީތި ބީޗްތައް ހިމެނޭ ގައުމުގެ އެވޯޑް ފަދަ މުހިންމު އެވޯޑްތައް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް އިންޑަސްޓްރީގެ ގޮތުގައި ރާއްޖޭގެ ސިނާއަތް މަޝްހޫރުވެފައިވާ އިރު، ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ވެސް އަންނަނީ ހުޅުވަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި ހޮޓާތައް ހިންގާ ބްރޭންޑުތައް ވެސް ފާހަގަކޮށްލެވެ އެވެ.