އެފްބީއައިގެ ވެރިޔާ ވަނީ ގާނޫނާ ޚިލާފުވެފައި: ޑިމޮކްރެޓިކް ޕާޓީ
އެފްބީއައިގެ ވެރިޔާ ވަނީ ގާނޫނާ ޚިލާފުވެފައި: ޑިމޮކްރެޓިކް ޕާޓީ

ވޮޝިންޓަން (އޮކްޓޯބަރު 31) - އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ހިލަރީ ކްލިންޓަނުގެ އީމެއިލްގެ އާ މައްސަލައެއް ތަހުގީގު ކުރާކަން ހާމަކުރުމަކީ އެފްބީއައިގެ ޑިރެކްޓާ ޖޭމްސް ކޯމޭ ގާނޫނާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ސެނެޓުގެ ޑިމޮކްރެޓިކް ލީޑަރު ހެރީ ރެއިޑް ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޖޭމްސް ކޯމޭ ކުރައްވާފައި ވަނީ 1939 ވަނަ އަހަރުގެ ހެޗު އެކްޓާ ޚިލާފު ކަމެއް ކަމަށެވެ. އިންތިޚާބަށް އެއްވެސް ބާވަތެއް ނުފޫޒެއް ފޯރުވުން އޮފިޝަލުންގެ މައްޗަށް މި ގާނޫނުގެ ދަށުން މަނާކޮށްފައިވާ އިރު ކޯމޭ ކުރެއްވި ކަންތަކަކީ އިންތިޚާބަށް ނުފޫޒު ފޯރުވުން ކަމަށް ރެއިޑް ވިދާޅުވި އެވެ.

ހިލަރީގެ އީމެއިލްތަކުގެ އާ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ކޯމޭ ކޮންގްރެސް އަށް އެންގި އިރު ވޯޓުނަގަން ވަނީ 10 ވަރަކަށް ދުވަހަށްވެފަ އެވެ.

ރެއިޑް ފޮނުއްވި ސިޓީގައި ވަނީ ކޯމޭ ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ މަގްސަދަކީ ސިޔާސީ އެއް ޕާޓީއަކަށް ފައިދާ ހޯދައިދިނުމަށް ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.

"ވަކި ފަރާތަކަށް ޖެހިފައިވާ އަމަލުތަކުގެ ސަބަބުން މަނިކުފާން ތިޔަ ވަނީ ގާނޫނާ ޚިލާފުވެފައި. ހެޗު އެކްޓުގެ ދަށުން އެއްވެސް އޮފިޝަލަކު މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން އިންތިޚާބަށް ނުފޫޒު ފޯރުވުމަކީ މަނާ ކަމެއް،" ރެއިޑުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

ހިލަރީގެ އީމެއިލްގެ އާ މައްސަލައެއް ފެންމަތިކޮށްފައި މި ވަނީ އެކަމަނާގެ ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ހުމާ އެބެޑިންގެ ވަކިވެފައިވާ ފިރިކަލުން އަދި ކޮންގްރެސްގެ ކުރީގެ މެންބަރެއް ކަމަަށްވާ އެންތަނީ ވެއިނާ، ނޯތު ކެރޮލީނާގެ 15 އަހަރުގެ އަންހެން ކުއްޖަކަށް ފޮނުވި އީމެއިލްތަކުގައި ޖިންސީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭތޯ ބެލުމަށް ހިންގި ތަހުގީގެއްގެ ތެރޭންނެވެ. އެބެޑިން އަކީ ހިލަރީގެ ޚާރިޖީ ވަޒީރު ކަމުގައި އެކަމަނާގެ ޑިޕިއުޓީ ޗީފް އޮފް ސްޓާފެވެ. އަދި ރިޔާސީ ކެމްޕޭނުގައި ޑިޕިއުޓީ ޗެއާޕާސަން ވެސް މެ އެވެ.

އެބެއިޑިންގެ އީމެއިލްތައް ބަލާ ފާސްކުރުމުގެ ކޯޓު އަމުރެއް އެފްބީއައި އިން މިހާރު ވަނީ ހޯދައިފަ އެވެ. އެބެއިޑިންގެ އީމެއިލްތައް ފެނިފައި ވަނީ ވެއިނާގެ ލެޕްޓޮޕް ބަލާ ފާސްކުރުމުގެ ތެރޭގަ އެވެ. އެފްބީއައި އިން ބަލަންޖެހޭ 650،000 އީމެއިލްވާ އިރު މިއީ އިންތިޚާބުގެ ކުރިން ކުރެވޭނެ ކަމެއް ނޫން ކަމަށް ބެލެވެ އެވެ.

އެފްބީއައި އިން ބުނަނީ މިހާރު ފެންމަތިވެގެން އުޅޭ އީމެއިލްތަކުގެ މައްސަލައާ ހިލަރީގެ ކުރީގެ އީމެއިލްތަކުގެ މައްސަލައާ ގުޅުމެއްވާ ކަމަށެވެ. އެފްބީއައި އިން ވަނީ 2009-2013 އަށް ޚާރިޖީ ވަޒީރުކަމުގައި ހިލަރީ ހުންނެވި ދުވަސްވަރު އަމިއްލަ އީމެއިލް ސާވާ ބޭނުންކުރި މައްސަލަ ބެލުމަށް ފަހު ދައުވާ ކުރަން ފޮނުވޭވަރުގެ ކަމެއް ނެތް ކަމަށް ޖުލައި މަހު ބުނެފަ އެވެ.

ހެޗު އެކްޓާ ޚިލާފުވާ މައްސަލަތައް އޮފިސް އޮފް ސްޕެޝަލް ކައުންސިލުން ބަލާނެ އެވެ. ޔުނިވާސިޓީ އޮފް މިނެސޯޓާ ލޯ ސްކޫލްގެ ޕްރޮފެސާ އަދި 2005-2007 އަށް ވައިޓްހައުސްގެ ޗީފް އެތިކްސް ލޯޔާ ރިޗަޑް ޕެއިންޓާ ވަނީ ހެޗު އެކްޓާ ޚިލާފުވެފައިވާތީ އެފްބީއައިއާ ދެކޮޅަށް އިއްޔެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފްބީއައިގެ ތަހުގީގުތަކުގައި ސިޔާސީ ކުލަ ޖެހިގެންދިއުމަކީ އޭނާ އުއްމީދު ކުރެއްވި ކަމެއް ނޫން ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.