18 އޮކްޓޯބަރ 2020 - 09:32

މެންޗެސްޓާ (އޮކްޓޫބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުތަކުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ސިޓީން އާސެނަލް ބަލިކުރީ 1-0 އިންނެވެ. ރަށުން ބޭރުގައި ޔުނައިޓެޑުން ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ވަނީ 4-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ އެވެ. މިއީ މި ދެ ޓީމު ވެސް މި ފަހަރު ލީގުގައި ހޯދި ދެ ވަނަ މޮޅެވެ. ސިޓީ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގައި އޮތްއިރު، ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ 14 ވަނައިގަ އެވެ.
ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ނުލައި ކުޅުނު މި މެޗުގައި އެ ޓީމުގެ ހަަމައެކަނި ލަނޑު ޖެހީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރަހީމް ސްޓާލިން އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ސްޓާލިން މި ގޯލު ޖެހީ ސިޓީގެ ފިލް ފޯޑެން ޖެހި ބޯޅައެއް އާސެނަލްގެ ކީޕަރު ބާން ލޭނޯ އަތުގައި ޖެހިފައި ނުކުތް ވަގުތު އެވެ.
ހަތަރު މަސް ދުވަހަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި ސިޓީގެ ސާޖިއޯ އަގުއޭރޯ އަށް ރޭގެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. ސިޓީ އަށް އިތުރު ލަނޑެއް ޖަހަން ރިޔާދު މާރޭޒާއި ފޯޑެން އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ނުރައްކާތެރި ހަމަލާ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް ވަނީ މަތަކޮށްފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ސިޓީ އަތުން އާސެނަލަށް މޮޅެއް ނުލިބެ އެވެ. ސިޓީ ވަނީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް އާސެނަލް ބަލިކޮށްފަ އެވެ. އާސެނަލް އެންމެ ފަހުން ސިޓީ ދަނޑުގައި މޮޅުވީ 2015 ވަނަ އަހަރު އެެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މި މޮޅު ހޯދުމުގައި އެޑަސަންގެ ހިއްސާ ބޮޑުކަމަށާއި އާސެނަލް މި ވަގުތު އޮތް ފޯމުން މި މޮޅު ހޯދަން އުނދަގޫވާނެކަން ކުރިން ވެސް އެނގޭ ކަމަށެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ކުޅުން ރަނގަޅު ނަމަވެސް ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި މަދުވެގެން ޕޮއިންޓެއް ލިބެން ޖެހޭ ކަމަށެވެ.
ނިއުކާސަލުން ރޭގެ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ލީޑުނެގީ ޔުނައިޓެޑްގެ ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މިއީ ލީގުގައި ޔުނައިޓެޑަށް ޝޯ ކުޅެދިން 100 ވަނަ މެޗެވެ. ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު ޖެހި ނަމަވެސް އެ ގޯލު ބަލައިނުގަތީ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ހުއާން މަޓާ އޮފްސައިޑްގައި ހުރުމުންނެވެ. މަޓާ ނަގައިދިން ކޯނަރަކުން ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ކެޕްޓަން ހެރީ މެގުއާ އެވެ.
ދެ ވަނަ ހާފްގައި ޔުނައިޓެޑަށް ޕެނަލްޓީ އަކުން ލީޑުނަގައިދޭން ލިބުނު ފުރުސަތުގައި ފެނާންޑޭސް ޖެހި ބޯޅަ ނިއުކާސަލް ކީޕަރު ކާލް ޑާލޯ ވަނީ މަތަކޮށްފަ އެވެ. ނިއުކާސަލަށް ދެ ވަނަ ފަހަަރަށް ލީޑުނަގައިދޭން ކަލުމް ވިލްސަން ޖެހި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ޔުނައިޓެޑް މޮޅުވީ ބަދަލުތަކާ އެކު ކުޅުން ރަނގަޅުކޮށްގެންނެވެ. އެ ޓީމުން ވަނީ ފަހު ވަގުތު ޑޯނީ ވެން ޑަ ބީކް އާއި ޕައުލް ޕޮގްބާ ކުޅެން އަރުވައިފަ އެވެ. ނިއުކާސަލް ކީޕަރު ޑާލޯ އަނިޔާގައި ހުރެ ކުޅެމުންދަނިކޮށް މެޗުގެ 86 ވަނަ މިނިޓްގައި ޔުނައިޓެޑަށް ލީޑުނަަގައިދިނީ މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ފެނާންޑޭސް އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި އާރޮން ވަން ބިސާކާ ޔުނައިޓެޑްގެ ލީޑުފުޅާކޮށްދިންއިރު މިއީ ލީގުގައި ކުޅުނު 50 މެޗުގައި ޖެހި ފުރަތަމަ ގޯލެވެ. ޔުނައިޓެޑްގެ ފަހު ގޯލު ޖެހީ ސަސްޕެންޝަނުގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭ އެންތަނީ މާޝިއަލްގެ ބަދަލުގައި ޔުނައިޓެޑްގެ ކުރިއަށް ކުޅުނު ރެޝްފޯޑް އެވެ.
މިއީ 2014 ވަނަ އަހަރު އޭޕްރީލް މަހަށް ފަހު ނިއުކާސަލް ދަނޑުގައި އެ ޓީމު ކޮޅަށް ހަތަރު ގޯލު ވަން ފުރަތަމަ ފަހަރެވެ. އަދި ޔުނައިޓެޑުން ފަހަތުން އަރައި ނިއުކާސަލް އަތުން ލީގުގައި މޮޅުވި 10 ވަނަ ފަހަރެވެ.