ހަތަރު ވަނަ މޮޅާ އެކު ޗެލްސީ ހަތަރު ވަނަ އަށް
ހަތަރު ވަނަ މޮޅާ އެކު ޗެލްސީ ހަތަރު ވަނަ އަށް

ލަންޑަން (އޮކްޓޯބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން 2-0 އިން ބަލިކޮށް، ލީގުގައި ޖެހިޖެހިގެން ހޯދި ހަތަރު ވަނަ މޮޅާ އެކު ޗެލްސީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެ ވަނައިގައި އޮތް އާސެނަލް އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް ވެސް ލިބިފައިވަނީ 10 މެޗުން 23 ޕޮއިންޓެވެ. ޗެލްސީ ހަތަރު ވަނަ އަށް ޖެހިލީ 10 މެޗުން 22 ޕޮއިންޓާ އެކު އެވެ.

ލީގުގެ ފުރަތަމަ މެޗުތަކުގައި އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ ސިސްޓަމަށް ހޭނުމުގައި ޗެލްސީ އަށް މައްސަލަތަކެއް ދިމާވި އެވެ. އެހެން ނަމަވެސް އާސެނަލް އަތުން 3-0 އިން ބަލިވި މެޗަށް ފަހު، ފަހަކަށް އައިސް އެ ޓީމުން އަންނަނީ ތިން ޑިފެންޑަރުން ކުޅޭ ސިސްޓަމަށް ޓީމުގެ ފޯމޭޝަން ބަދަލުކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗު ފެށިގެން ހަ ވަނަ މިނިޓްގައި ޗެލްސީ އަށް ލީޑުނަގައިދިނީ އެޑެން ހަޒާޑެވެ. ވިކްޓަ މޮސަސް ދިން ބޯޅަ އަކުން ހަޒާޑް މި ލަނޑު ޖެހީ ސައުތެމްޓަން އޭރިއާ ތެރެއިންނެވެ. މިއީ މި ސީޒަނުގައި ހަޒާޑް ޖެހި ފަސް ވަނަ ލަނޑެވެ.

ޗެލްސީގެ ދެ ވަަނަ ލަނޑު ކާމިޔާބުކުރީ ޑިއޭގޯ ކޮސްޓާ އެވެ. މެޗުގެ 55 ވަނަ މިނިޓްގައި ކޮސްޓާ މި ލަނޑު ޖެހީ އޭރިއާ ބޭރުންނެވެ. މިއީ މިފަހަރު ލީގުގައި ކޮސްޓާ ޖެހި އަށް ވަނަ ލަނޑެވެ. މި ލަނޑާ އެކު އޭނާ ވަނީ ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ ލީގު ތަށްޓަށް ވާދަކުރާ ޓީމުތައް ކަނޑައަޅަން އަދި އަވަސް ކަމަށާއި މި ވަގުތު ބޭނުންވަނީ ޓީމުގެ ފޯމު ރަނގަޅުކުރަން ގިނަ މެޗުތަކެއް ކާމިޔާބު ކުރުމަށް ކަމަށެވެ.