ޑްރަގް މައްސަލާގައި އިންޑިއާގެ އިދިކޮޅު ޕާޓީން ވިވެކަށް ތުހުމަތުކޮށްފި
ޑްރަގް މައްސަލާގައި އިންޑިއާގެ އިދިކޮޅު ޕާޓީން ވިވެކަށް ތުހުމަތުކޮށްފި

އެކްޓަރު ވިވެކް އޮބެރޯއީގެ އަންހެނުން ޕްރިޔަންކާ އަލްވާގެ ބޭބެ އަދިިތިއާ އަލްވާއާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލައެއްގައި، މުމްބާއީގައި ހުންނަ ވިވެކްގެ ގެއަށް ފުލުހުން ވަނުމުން، މަސްތުވާތަކެއްޗާ ވިވެކާ ވެސް ގުޅުން އޮވެދާނެ ކަމަށް ކޮންގްރެސް ޕާޓީން ބުނެފި އެވެ.

ވިވެކްގެ ގެއަށް ބެންގަލޫރް ފުލުހުންގެ ސެންޓްރަލް ކްރައިމް ބްރާންޗްގެ އޮފިޝަލުންތަކެއް ވަނުމުން މަހާރަޝްތުރާ ސްޓޭޓްގެ ހޯމް މިނިސްޓަރު އަނިލް ދޭޝްމުކް ވަނީ ވިވެކާ މަސްތުވާތަކެއްޗާ ގުޅުން އޮވެދާނެ ކަމަށް މިހާރު ބެލެވޭ ކަމަށާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އެ މައްސަލަ ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަނުން އެކަން ނުކުރާ ނަމަ މުމްބާއީ ފުލުހުން ވެސް ވިވެކާ ގުޅޭ ތަހުގީގެއް ހިންގުމަށް ދޭޝްމުކް ގޮވާލެއްވި އެވެ.

އެންސީބީ އަށް ވިވެކްގެ މައްސަލަ ބަލަން ގޮވާލި އިރު، ބޮލީވުޑްގެ ބައެއް ތަރިންތަކެއްގެ މައްޗަށް ކުރެވޭ މަސްތުވާތަކެތީގެ މައްސަލަތަކެއް އެންސީބީން އަންނަނީ ބަލަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިވެކްގެ އަންހެނުން ޕްރިޔަންކާގެ ބޭބެއާ ގުޅުން ހުރި މަސްތުވާތަކެތީގެ މައްސަލަތަކެއް ފަޅާއެރީ ކަންނާޑާ ފިލްމު އިންޑަސްޓްރީއާ ގުޅުން ހުރި މައްސަލަތަލެއްގެ ތެރެއިންނެވެ. އަދި މި މައްސަލާގައި ޕްރިޔަންކާ އަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ހުރުމުން ސެންޓްރަލް ކްރައިމް ބްރާންޗަށް ބަޔާން ދޭން އޭނާ އަށް ނޯޓިސް ފޮނުވާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން އަދި ވިވެކް، 44، އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ވެރިކަން ކުރާ ބީޖޭޕީ އަށް ވަރަށް ބޮޑަށް ތާއީދުކުރާ ވިވެކަކީ މިދިޔަ އަހަރު ފިލްމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރޯލް ކުޅުނު އެކްޓަރެވެ. އޭނާ ދާދި ފަހުން އަމިއްލަ ފިލްމު ކުންފުންޏެއް އުފައްދައި، އޭގެ ދަށުން ދެ ފިލްމެއް އިއުލާން ވެސްކޮށްފައިވެ އެވެ. އެއީ ވިވެކް ވެސް މުހިއްމު ރޯލްތަކެއް ކުޅޭ "އިތީ" އާއި "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" އެވެ.