17 އޮކްޓޯބަރ 2020 - 11:09

ރާއްޖޭގައި މި މަހުގެ ފުރަތަމަ 15 ގައި ކޮވިޑް-19 އަށް ޓެސްޓްކުރަން 17،338 ސާމްޕަލް ނަގައި ޕްރޮސެސްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 822 މީހުން ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ އިން އިއްޔެގެ ނިޔަލަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މި މަހު ކޮވިޑަށް ޕޮޒިޓިވްވި ޕަސެންޓޭޖް ނުވަތަ ސާމްޕަލްގެ ނިސްބަތުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 4.47 ޕަސެންޓެވެ. މާނަ އަކީ ޓެސްޓްކުރާ ކޮންމެ 100 މީހެއްގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވް ވުމެވެ.
މަހުގެ ފުރަތަމަ 15 ގެ ތެރޭ، އެވްރެޖްކޮށް ދުވާލަކު 1،156 ސާމްޕަލް ކޮވިޑަށް ޓެސްޓްކޮށްފައިވެ އެވެ. އަދި މިހާތަނަށް ޓެސްޓްކުރި އަދަދު ވަނީ 100،000 ފަހަނަޅައި ގޮސްފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް އެވްރެޖްކޮށް ފަސް ޕަސެންޓަށް ވުރެ ދަށުގައި ހިފެހެއްޓިފައި ހުރި އިރު، ޕޮޒިޓިވްވާ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވެސް އިއްޔެ ވަނީ އެތައް ދުވަހެއް ފަހުން 50 އާ ހަމައަށް ދަށްވެފަ އެވެ. އިއްޔެގެ އިރު އޮއްސި 6:00 އަށް ހަމައަށް އެޑްމިޓްކޮށްފައި ތިބީ 54 މީހުންނެވެ. މި ނަންބަރު ކުރިން 200 އާ ގާތްކުރި އެވެ.
މިހާރު ކޮވިޑަށް ޕޮޒިޓިވް ކޭސްތައް ނުވަތަ އެކްޓިވް ކޭސްތަކުގެ ނިސްބަތުން ބަލާ ނަމަ އެޑްމިޓްކޮށްފައި ތިބީ ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 4.70 ޕަސެންޓް މީހުންނެވެ. ކޮވިޑަށް ޕޮޒިޓިވް ވުމުން އެޑްމިޓްކޮށްގެން ފަރުވާ ދެނީ މި ބަލީގައި ނުރައްކާ ބޮޑުވެދާނެ ކަމަށް ބެލެވޭ މީހުންނަށެވެ. އެއީ އުމުރުން ދުވަސް ވީ މީހުންނާއި ދާއިމީކޮށް ފަރުވާ ހޯދަން ޖެހޭ ބައްޔެއް ހުންނަ މީހުންނެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑް ކޭސްތައް ޖުލައި މަހުގެ ފަހު ހަފުތާގެ ފަހުން އެންމެ ބޮޑަށް ދަށަށް ދިޔައީ މިދިޔަ މަހުގެ 16-22 އާ ދެމެދުގަ އެވެ. އެއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 23 ވަނަ ހަފުތާ އެވެ. އެ ހަފުތާގައި ފެނުނު ކޮމިއުނިޓީ ސްޕްރެޑް ކޭސްތައް ނުވަތަ އަންލިންކްޑް ކޭސްތަކުގެ އަދަދަކީ 23 އެވެ. އެކަމަކު މި އަދަދު ޖެހިގެން އައި ހަފުތާގައި 35 އަށް އިތުރުވި އެވެ.
ކޮވިޑަށް ޕޮަޒިޓިވް މީހަކާ ކޮންޓެކްޓްވިކަން ނޭނގި ޕޮޒިޓިވްވާ މީހުންގެ މި އަދަދަކީ އާންމުންގެ ތެރޭ ބަލި ފެތުރިފައި އޮތް މިންވަރު އެންމެ ބޮޑަށް އަންގައިދޭ އެއް ނަންބަރެވެ.
އެންމެ ފަހުން އެޗްޕީއޭ އިން ނެރުނު ހިސާބުތައް ދައްކާ ގޮތުން 24 ވަނަ ހަފުތާގައި އަނެއްކާވެސް ވަނީ އަންލިންކްޑް ކޭސްތައް ކުޑަކޮށް މަދުވެފަ އެވެ. އެއީ ސެޕްޓެމްބަރު 30 އިން އޮކްޓޫބަރު 6 އާ ދެމެދު 30 ކޭހެވެ.
ފްލޫ ކްލިނިކްތަކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުންގެ ނިސްބަތް އޯގަސްޓް މަހު ފަހު ހަފުތާއިން ފެށިގެން އަންނަނީ ދަށްވަމުންނެވެ. އެއީ ކޮވިޑްގެ 20 ވަނަ ހަފުތާ އެވެ. އެ ހަފުތާ އަށް ބަލާއިރު ފްލޫ ކްލިނިކްތަކަށް ދެއްކި މީހުންގެ ތެރެއިން 21.12 ޕަސެންޓް މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.
މިހާރު، 25 ވަނަ ހަފުތާއާ ހަމައަށް އެ ނިސްނަތް ހުރީ 5.1 ޕަސެންޓުގަ އެވެ.
ކޭސްތަކުގެ އަދަދު ދެ ގުނަ އިތުރުވާން ނަގާ މުއްދަތު ނުވަތަ ޑަބްލިން ރޭޓް ވެސް ހުރީ ރެކޯޑް މިންވަރަކަށް މަތީގަ އެވެ. މި ރޭޓް 20 ވަނަ ހަފުތާއިން ފެށިގެން ދަނީ މައްޗަށެވެ. އެ ހަފުތާގައި، ކޭސްތަކުގެ އަދަދު ދެ ގުނައަށް އިތުރުވާން ނަގާނެ މުއްދަތަކީ 39 ދުވަސް ކަމަށް ވިޔަސް މިހާރު އެ މުއްދަތު ވަނީ 139 ދުވަހަށް އިތުރުވެފަ އެވެ. މާނަ އަކީ ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަދު އޭގެ ދެ ގުނަ އިތުރުވާން އެހާ މުއްދަތު ނެގުމެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް، ބަލީގެ ހާލަތު ވަޒަންކުރުމުގައި ބަލަ އެވެ. މި ދެ ނަންބަރު ވެސް އެލާޓް ލެވަލް 1 އާ ހިސާބުގަ އެވެ. އަދި ނަންބަރުތައް ދަނީ އިތުރަށް ދަށަށެވެ.
މި ނަންބަރުތައް އެޗްޕީއޭ އިން ވަޒަންކުރަނީ ބަލިމަޑުކަމުގެ މި ހާލަތުގައި އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށެވެ. ބަލީގެ ހާލަތަށް ބަލައި ލުއި ދެނީ އަދި ފިޔަވަޅު ހަރުކަށި ކުރަނީ ވެސް މި ހުރިހާ ނަންބަރުތަކަކަށް ބަލައި ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" އަށް ވެސް ބަލައިގެންނެވެ.
ނަންބަރުތައް ދަށަށް ދިއުމުން މި އީޒް ޕްލޭންގައި 23 ވަނަ ހަފުތާ އިން ފެށިގެން ސްކޯ ހުރީ 4 ގަ އެވެ. މިއީ "މޫވް އޭޒް އިން އީޒް ޕްލޭން" ނުވަތަ ލުއި ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ކުރިއަށްދެވޭނެ ކަން އަންގާ ސްކޯ އެވެ.
އެކަމަކު މީގެ މާނަ އަކީ ބަލީގެ ނުރައްކާ ކުޑަވުން ކަމަށް ބަލައިގެން ނުވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަކޮށްލައިފި ނަމަ އަނެއްކާވެސް ކޭސްތައް ގިނަވެ ނުރައްކާވެދާނެ ކަމުގެ އިންޒާރު އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް ދެމުންނެވެ.
އިއްޔެގެ އިރު އޮއްސި 6:00 އާ ހަމަ އަށް ރާއްޖޭން 11،154 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން 9،995 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު 35 މީހަކު ވަނީ މަރުވެފަ އެވެ. ޕޮޒިޓިވްވެފައި ވަނިކޮށް ރާއްޖޭން ފުރައިގެން ދިޔަ ބިދޭސީން ނުހިމަނައި ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،117 އެވެ.
މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 7،138 މީހުންނަކީ ދިވެހިންނެވެ.