16 އޮކްޓޯބަރ 2020 - 13:25

ކޮންމެ މަހަކު 2،000ރ. ގެ އެލަވަންސަކާއެކު، ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިލޭ ކިޔެވުމުގެ ފުރުސަތު މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވާލައިފި އެވެ
ޓޫރިޒަމާއި ކޮންސްޓްރަކްޝަން އަދި އައިސީޓީ ދާއިރާގެ 24 ޕްރޮގްރާމަކަށް ކުރިމަތިލާން މި މަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ. މި ބުރު ގެންދަން ހަމަޖައްސާފައިވަނީ ހަމައެކަނި ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯސްތަކެވެ.
ވެބްސައިޓު މެދުވެރިކޮށް ނުވަތަ[email protected]އަށް މެއިލް ކޮށްގެން ވެސް އެ ފޯމުތައް ހުށަހެޅޭނެ އެވެ.
ޕޮލިޓެކްނިކުން ބުނި ގޮތުގައި ފިޒިކަލް ކްލާސްތަކުގެ އިތުރުން އޮންލައިންކޮށް ވެސް ކިޔަވައިދޭނެ އެވެ. އަދި ހަ މަސް ދުވަހަށް ގެންދާ އެ ހުރިހާ ޕްރޮގްރާމެއްގެ ފީ ހިލޭ ވާނެ ކަމަށް ބުންޏެވެ.
މިފަހަރު ފަށާ ޕްރޮގްރާމްތަކުގެ ތެރޭގައި، ޓުއަ ގައިޑާއި ފޮޓޯގްރަފީ އާއި އާޓް ސްކިލްސް އާއި ކާޕިންޓްރީކަމާއި އޮޓޮމެޓިވް މެއިންޓެނެސް އާއި ޕްރޮގްރާމިން އަދި އައިޓީ ޓެކްނީޝަން ހިމެނެ އެވެ.
ޕޮލިޓެކްނިކްގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާއާ ހަމައަށް މިހާރު ވެސް 115 ކޯހެއް ހިންގަ އެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ހިންގާ ޕްރޮގްރާމްތަކުގައި ގާތްގަނޑަކަށް 700 އެއްހާ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.