15 އޮކްޓޯބަރ 2020 - 23:49

ބެއިޖިން (އޮކްޓޯބަރު 15) - ހަނގުރާމައަކަށް ތައްޔާރުވެ ތިބުމަށް ޗައިނާ ސިފައިންނަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި އެވެ.
ދެކުނުގެ ގުއާންގްޑޮން ޕްރޮވިންސްގެ އަސްކަރީ މަރުކަޒަކަށް ރައީސް ޝީ ކުރެއްވި ޒިޔާރަތެއްގައި ވަނީ ސިފައިން އަބަދުވެސް އެލާޓްގައި ތިބުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
"ސިފައިން އަބަދުވެސް ތިބެން ޖެހޭނީ ވަފާތެރިކަން މަތީ، އަބަދުވެސް ސާފުކަން މަތީ، އަބަދުވެސް އިތުބާރު ކުރެވޭ ގޮތުގައި،" ޗައޮޒޫ ސިޓީގެ ޕީޕަލްސް ލިބަރޭޝަން އާމީ މެރިން ކޮޕްސްގެ އިންސްޕެކްޝަނެއްގައި ޝީ ވިދާޅުވި ކަމަށް ރަސްމީ ނޫސް އެޖެންސީ ޒިންހުއާ އިން ބުނެފައިވެ އެވެ.
ގުއާންގްޑޮން އަށް ރައީސް ޝީ ކުރެއްވި ޒިޔާރަތުގެ މަގްސަދަކީ ޝެންޒެން ސްޕެޝަލް އިކޮނޮމިކް ޒޯން ގާއިމްކުރިތާ 40 އަހަރު ފުރޭ މުނާސަަބަތާ ގުޅުވައިގެން ތަގްރީރެއް ދެއްވުމެވެ. އިކޮނޮމިކް ޒޯން، 1980 ވަނަ އަހަރު ގާއިމްކުރީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިކޮށް، ޗައިނާގެ އިގްތިސާދު ވަރުގަދަ ކުރުމަށެވެ.
ގުއާންގްޑޮންގެ އަސްކަރީ މަރުކަޒަކަށް ރައީސް ޝީ ޒިޔާރަތް ކުރެއްވި އިރު ޗައިނާ އާއި އެމެރިކާގެ މަސްރަހު ވަނީ ހޫނުވެފަ އެވެ. ޓައިވާނަށް އެމެރިކާ އިން ހަތިޔާރު ވިއްކަން އުޅޭ މައްސަލާގައި ޗައިނާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އާއި ޓައިވާނުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.