30 އޮކްޓޯބަރ 2016 - 23:08

އެފްއޭއެމްގެ އިންތިހާބުގައި ރައީސްގެ މަގާމަށް ވާދަކުރައްވާ އަހުމަދު ތޯރިގް (ޓޮމް) ހުށަހަޅުއްވި އެގްޒެކެޓިވް ކޮމިޓީގައި ހިމެނޭ އައިޝަތު ރޯޒާ ކުޅިވަރުގެ ގައުމީ މަޖިލީސް (ސްޕޯޓްސް ކައުންސިލް) މެންބަރުކަމުން މިއަދު ވަކިކޮށްފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ ރޯޒާ މަގާމުން ވަކިކުރީ ކުޅިވަރު ގާނޫނުގެ 12 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެންބަރަކަށް ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ މެންބަރަކަށް ނުވެވޭނެ ކަމަށް ބަޔާން ކޮށްފައިވާތީ ކަމަށެވެ.
ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް މިއަދު ރޯޒާ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގައުމީ ކުޅިވަރު އެސޯސިއޭޝަނެއްގެ ހިންގާ ކޮމެޓީގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުށައަޅުއްވާ ހިސާބުން ފެށިގެން އެ މެންބަރަކު ކުޅިވަރުގެ ގައުމީ މަޖިލީހުގެ ޒިންމާ އަދާ ކުރެއްވުމުގެ މަސްލަހަތު ފުށުއަރާފަދަ ހާލަތެއް މެދުވެރިވީ ކަމަށެވެ.
ކުޅިވަރު ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ރޯޒާ ހަމަޖެއްސީ މި އަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ. ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާޕާސަން އަދި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އަނބިކަނބަލުން ރޯޒާ ވަނީ ކުރިން ގައުމީ ފެންވަރުގައި ބާސްކެޓްބޯޅަ ކުޅުއްވައިފަ އެވެ.