15 އޮކްޓޯބަރ 2020 - 15:10

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދުމުގައި ހެލްތު މިނިސްޓްރީން މާލިއްޔަތު ގަވާއިދާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ނެރުނު އޮޑިޓް ރިޕޯޓާ ގުޅިގެން ސަސްޕެންޑްކުރި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް މާހިރު ވަޒީފާ އަށް ނުކުންނަން ރައީސް އޮފީހުން މިއަދު އަންގައިފި އެވެ.
ޝާހް މިއަދު ވިދާޅުވީ އޭނާގެ ސަސްޕެންޝަން އުވާލިކަން ރައީސް އޮފީހުގެ ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ބިޑް ކޮމިޓީ އާއި ފައިނޭންޝަލް އެގްޒެކެޓިވް ވެސް ތަހުގީގު ނިމެންދެން ގޭގައި މަޑުކުރަން ރައީސް އޮފީހުން އެންގި އެވެ. އޭސީސީ އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގަށް ފަހު އެ މީހުންގެ މައްޗަށް ދައުވާ އުފުލައިދޭން އޭސީސީން ވަނީ ޕީޖީ އޮފީހުގައި އިއްޔެ އެދިފަ އެވެ. އެ މީހުންގެ ސަސްޕެންޝަން އުވައެއް ނުލަ އެވެ.
ޝާހްގެ މައްސަލަ ތަހުގީގުކުރީ، ވެންޓިލޭޓަރު ގެނައުމުގައި ދިވެހި ދެ ކުންފުނި ކަމަށްވާ މެޑްޓެކާއި ނާޑަށް ދިން މުއްދަތު އިތުރުކުރި މައްސަލައިގަ އެވެ. އޭސީސީގެ ތަހުގީގުން ނިންމީ މުއްދަތު އިތުރުކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ.
މައްސަލަ ތަހުގީގުކޮށް، އޭސީސީން ނިންމީ، އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ އޭރުގެ ހާލަތަށް ބަލާ އިރު އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެ ދެ ކުންފުނިން ވެސް މިހާރު ވަނީ ވެންޓިލޭޓަރުތައް ގެނެސް، ސަރުކާރާ ހަވާލުކޮށްފަ އެވެ.
އޭސީސީ ބުނެފައިވާ ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރިއިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ނުވިއަސް މުއްދަތު އިތުރުކުރަން ނިންމިއިރު ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ. އަދި ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމަންޓްތަކާ ގުޅޭ މުއްދަތު އިތުރުކޮށްދީފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްތައް ކުރިއިރު ބިޑް ކޮމިޓީގައި ޑރ. ޝާހު އިންނެވިއަސް، ބޮޑެތި ތުހުމަތުތަކެއް އެކުލެވޭ އެގްޒެކިއުޓާސް އަށް ވެންޓިލޭޓަރުތައް ދޭން ނިންމި ބައްދަލުވުމުގައި އޭނާގެ ބައިވެރިވުމެއް ނެތެވެ. އެހެންވެ އެ މައްސަލައިގައި ޝާހުގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
ޝާހު ވިދާޅުވެފައިވާ ގޮތުގައި ދުބާއީ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރުމަކީ އޭނާގެ ވެސް ކަންބޮޑުވުން އޮތް މައްސަލަ އެކެވެ. އަދި ވެންޓިލޭޓަރުތައް ގެނައުމާ ބެހޭ ގޮތުން ބިޑް ކޮމެޓީގައި އޭނާ ބައިވެރިވެ ވަޑައިގަތީ ރާއްޖޭގެ ނާޑު ކުންފުންޏާއި މެޑް ޓެކާ ހަވާލުކުރަން ނިންމި ބައްދަލުވުމުގައި އެކަނި ކަމަށާއި އަދި އެ ދެ ކުންފުންޏަށް އެ މަސައްކަަތް ހަވާލުކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ހުށަހެޅުނު ލިޔުންތަކަށް ބިނާކޮށް ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
އޭސީސީން ވަނީ ތަހުގީގަށް ފަހު ހެލްތު މިނިސްޓަރު އަމީން ހިމެނޭ ގޮތުން 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދި ފޮނުވައިފަ އެވެ. އެކަމަކު ޕީޖީން ނިންމި ގޮތެއް އަދި ހާމައެއް ނުކުރެ އެވެ.،