ހަލަވެލި ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ
ހަލަވެލި ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ

އއ. އަތޮޅުގައި އޮންނަ ކޮންސްޓެންސް ހަލަވެލި ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފަައި އޮއްވައި މިރޭ ފެނިއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ރިސޯޓެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން އެ މައްސަލަ މިރޭ 8:10 ހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ރިޕޯޓު ލިބުނު ރިސޯޓަށް ފުލުހުންގެ ޓީމެއް މިހާރު ދަތުރުކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުންނަށް އެ ރަށަށް ދެވުނީމަ އެނގޭނީ އެ މީހާ އޮތް ގޮތެއް،" ތަރުޖަމާނު ވިދާޅުވި އެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާއާ އަދި އޭނާ ފެނުނު ރިސޯޓާ ގުޅޭ ގޮތުން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނުނީ ކޮންސްޓެންސް ހަލަވެލި ރިސޯޓުގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އެއީ އެ ރަށުގައި ޗުއްޓީ ހޭދަކުރަން ގޮސް ހުރި ބޭރުގެ ފިރިހެނެއް ކަމަށްވެ އެވެ. އެކަމަކު، އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި އޭނާގެ އުމުރެއް ވެސް އަދި ސާފެއް ނުވެ އެވެ. އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ، އެނގިފައިވާ ގޮތުގައި، ކޮންމެވެސް ވަރަކަށް ކުނިވެފަ އެވެ. އެކަމަކު، ހަށިގަނޑުން ޒަހަމެއް ފެންނަން ހުރި ކަމެއް އަދި ނޭނގެ އެވެ.