15 އޮކްޓޯބަރ 2020 - 12:01

ބެންކޮކް (އޮކްޓޯބަރު 15) - ތައިލެންޑުގައި ކިޔަވާ ކުދިން އިސްވެ، ވޭތުވެދިޔަ ތިން މަހެއްހާ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓުވަން ކުއްލި ހާލަތު މިއަދު އިއުލާންކޮށްފި އެވެ.

ތައިލެންޑުގައި މުޒާހަރާތައް ފަށާފައި ވަނީ ރަސްގެފާނަށް ލިބިފައިވާ ބާރުތައް ކުޑަކޮށް، ބޮޑުވަޒީރު ޕްރަޔުތު ޗަން-އޮޗާ އިސްތިއުފާ ދިނުމަށް އެދި ގޮވާލުމަށެވެ. ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު މިއަދު ވަނީ 20 ވަރަށް ވުރެ ގިނަ އެކްޓިވިސްޓުންނާއި އެ ހަރަކާތުގައި އިސްކޮށް އުޅުނު ދެ ލީޑަރުން ހައްޔަރުކޮށްފަ އެވެ.
ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ވަނީ ފަސް މީހުންނަށް ވުރެ ގިނަ އިން އެއްވުން މަނާކޮށްފަ އެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ލިޔުމެއް ޝާއިއު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ތައިލެންޑުގައި ވޭތުވެދިޔަ ތިން މަސް ދުވަހުކުރި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކު ވަނީ ބެންކޮކުގެ މަގުތަކަށް ނުކުމެފަ އެވެ. ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި ކޭމްޕް ޖަހައިގެން ވެސް ބައެއް މީހުން ތިއްބެވެ. ސަރުކާރުން ބުނީ މުޒާހަރާތައް ހުއްޓުވަން ހަރުކަށި ފިޔަވަޅު އަޅަން ޖެހުނީ ރަސްގެފާން ދަތުރު ކުރެއްވި މޮޓޯކޭޓަށް އިއްޔެ ހުރަސް އެޅުމުން ކަމަށެވެ. ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ރަސްގެފާނުގެ މޮޓޯކޭޑަށް ހުރަސް އެޅި މީހުން ހޯދައި އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ބޮޑުވަޒީރު އަންގަވާފައިވާ ކަމަށެވެ.
ތައިލެންޑް ސަރުކާރާ ދެކޮޅު މުޒާހަރާތައް ޖުލައި މަހު ފެށި ފަހުން އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި ހަފުތާގެ ކުރީކޮޅު ވެސް ވަނީ 21 މީހުން ހައްޔަރުކޮށްފަ އެވެ.