30 އޮކްޓޯބަރ 2016 - 19:20

އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 15 މިލިއަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ ޖުމްލަ 56.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ ކުއާޓަރުގައި ލިބިފައި ވަނީ 71.7 މިލިއަން ރުފިޔާ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާ ކުންފުނީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.47 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 1.58 ބިލިއަން ރުފިޔާ އެވެ.
އެސްޓީއޯ އަށް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު ފައިދާއާ އަޅާބަލާއިރު މިދިޔަ ކުއާޓަރުގައި ވަނީ 23 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި 79.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލާއި ގޭސް އަދި ބޭހާއި ކާޑުގެ ބާވަތްތަކުގެ ވިޔަފާރި ކުރާ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ އެހާ ދަށަށް ދިޔަ ސަބަބެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.