14 އޮކްޓޯބަރ 2020 - 16:21

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިމައްސަލައިގައި ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ މައްސަލަ ހުށަހެޅިތާ ދެވަނައަށް ވީ ދުވަހު މިމަހު 5 ގަ އެވެ. ދެމީހުން ހައްޔަރު ކުރުމުގެ ކުރިން އެމީހުން ހައްޔަރުކުރުމަށް ގޮވާލާ އެގޭ ދޮށުގައި އާންމުން އެއްވުމުން ދެމީހުންގެ އެދުމުގެ މަތިން ފުލުހުން އެމީހުންނަށް ހިމާޔަތް ވެސް ދީފައި ވެއެވެ.
އަދި އެ ދެމީހުންގެ ބަންދަށް ދިނީ ހަތް ދުވަހުގެ މުއްދަތެކެވެ. ފުލުހުން ބުނީ އެ ދެމީހުން މައްސަލައިގެ ޝަރިއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުރުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ދެމީހުން ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ ޔުނާންގެ އާއިލީ ދެ ފިރިހެން ކުއްޖަކަށެވެ. އަދި އޭނާގެ އަންހެނުން ރިހުލާ ހުރީ ދޫނިދޫ ޖަލުގައި ކަމާއި ޔުނާން ހުރީ މާލޭ ޖަލުގައި ކަމަށް ވެސް އެނގިފައި ވެއެވެ.