14 އޮކްޓޯބަރ 2020 - 16:09

ވެންޓިލޭޓަރު ގެންނަން މެޑްޓެކް އަދި ނާޑު ކުންފުންޏަށް ދިން މުއްދަތު އިތުރުކުރުމުގައި މައްސަލައެއް ނެތް ކަމަށް ބަލައި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރާއި ބިޑް ކޮމިޓީގެ އަނެއް ތިން މެމްބަރުންގެ މައްޗަށް ވެސް ދައުވާނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ކޮވިޑް-19ގެ ފަރުވާއަށް 24 ވެންޓިލޭޓަރު ގެންނަން، 8.3 މިލިއަން ރުފިޔާއަށް ނާޑް ކުންފުންޏަށް އަދި 50 ވެންޓިލޭޓަރު ގެންނަން، 14.4 މިލިއަން ރުފިޔާއަށް ހަވާލުކުރީ މެޑް ޓެކްއާ އެވެ.
ނަމަވެސް ދުނިޔޭގެ މާކެޓުގައި ވެންޓިލޭޓަރު ހޯދާށާއި ރާއްޖެއާ ހަމައަށް ގެންނަން ދަތިތަކެއް ހުރުމުން ހެލްތު މިނިސްޓްރީން ވަނީ މުއްދަތު އިތުރުކޮށްދީފަ އެވެ.
މުއްދަތު އިތުރުކުރި މައްސަލައިގައި، ބިޑް ކޮމިޓީގެ މެމްބަރުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރައްވައި، ވަކި ބަޔަކަށް މަންފާއެއް ހޯދައިދެއްވުމުގެ މަގުސަދު އޮތް ކަމަށް ތުހުމަތުކޮށް، އޭސީސީން އެކަން ތަހުގީގުކުރި އެވެ. އެކަމަކު ތަހުގީގަށް ފަހު މައްސަލަ ނިންމި ގޮތް އެ ބޭފުޅުންނަށް އަންގަން އޭސީސީން ފޮނުވި ލިއުމުގައި ބުނީ މުއްދަތު އިތުރުކުރީ އޭރުގެ ހާލަތަށް ބަލާ އިރު އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށެވެ.
އެ ދެ ކުންފުނިން ވެސް މިހާރު ވަނީ ވެންޓިލޭޓަރުތައް ގެނެސް، ސަރުކާރާ ހަވާލުކޮށްފަ އެވެ.
އޭސީސީ ބުނި ގޮތުގައި އެއްބަސްވުންތަކުގައި ސޮއިކުރިއިރު ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ނުވިއަސް މުއްދަތު އިތުރުކުރަން ނިންމިއިރު ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ. އަދި ހެލްތު މިނިސްޓްރީން އެ ދުވަސްވަރު ކުރިއަށް ގެންދިޔަ ވަރަށް ގިނަ ޕްރޮކިއުމަންޓްތަކާ ގުޅޭ މުއްދަތު އިތުރުކޮށްދީފައިވާކަން ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީން ބުނެ އެވެ.
"ވީމާ މި މައްސަލަ މި ކޮމިޝަނުން ތަހުގީގުކޮށް ނިންމި ގޮތް ތިޔަ ފަރާތުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އޭސީސީން ޑރ. ޝާހަށް ފޮނުވި ސިޓީގައި ބުންޏެވެ.
ޑރ. ޝާހުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ހެލްތު މިނިސްޓްރީގެ ޑިރެކްޓަރު ނައުޝާދު އަލީ އަދި އެ މިނިސްޓްރީގެ ލީގަލް އޮފިސަރު މުހައްމަދު އަބްދުލްޣަނީގެ މައްޗަށް ވެސް އެ މައްސަލާގައި މައްޗަށް ދައުވާއެއް ނުކުރެ އެވެ.
ނާޑާއި މެޑް ޓެކްގެ އިތުރުން 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް އަށް 34.5 މިލިއަން ރުފިޔާއަށް ހަވާލުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.
ކޮވިޑް-19ގެ ފަރުވާ އަށް 149 ވެންޓިލޭޓަރު ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތާ އެކު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 10 މީހެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލަށް މިއަދު ފޮނުވައިފަ އެވެ.
ވެންޓިލޭޓަރުތައް ގެނައުމުގެ މަސައްކަތްތައް ކުރިއިރު ބިޑް ކޮމިޓީގައި ޑރ. ޝާހު އިންނެވިއަސް، ބޮޑެތި ތުހުމަތުތަކެއް އެކުލެވޭ އެގްޒެކިއުޓާސް އަށް ވެންޓިލޭޓަރުތައް ދޭން ނިންމި ބައްދަލުވުމުގައި އޭނާގެ ބައިވެރިވުމެއް ނެތެވެ. އެހެންވެ އެ މައްސަލައިގައި ވެސް ޝާހުގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.
އަމީންގެ އިތުރުން ދައުވާކުރަން ފޮނުވީ ނިޝާމާއި ނައުޝާދާއި ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމް، ޑެޕިއުޓީ މިނިސްޓަރު، ޝިޔާމާ މުހައްމަދު، ބިޑް ކޮމިޓީ މެމްބަރު، އާމިނަތު ޝައުފާ، އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ، ލީގަލް އޮފިސަރު އަލީ ޝިހާމް، އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒް އަދި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒްގެ މައްސަލަ އެވެ.