14 އޮކްޓޯބަރ 2020 - 11:19

ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްސް މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މި ތަކެތި އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ދެމީހުންގެ ތެރެއިން ޝަހީބް އިބްރާހިމް، 42، އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން އަތުލައިގަތް އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް އިބްރާހިމް ކަމަށާއި އެ މައްސަލާގައި ޝަހީބް އިބްރާހިމް ޖާމިނުކޮށް އީރާން ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑްރަގްސް އެތެރެކުރި ކަންނެލި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތިންނެވެ. އެ ދޯނި އަތުލައިގަނެ ހުޅުމާލެ ފަޅަށް ވައްދައި ފާސްކުރި އިރު އެއިން 130 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.
މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެއެއް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދޯނިން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށާއި އެ ކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ޝަހީބްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަހްމަދު މޫސާ، 48، ގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ހައްޔަރުކުރި މީހުންގެ އުމުރު އުޅެނީ 25-48 އާ ދެމެދެވެ.