އަންނަ ސީޒަނުގައި ވެސް އީގަލްސްގެ ބެންޗުން ފެންނާނީ މޯހަން
އަންނަ ސީޒަނުގައި ވެސް އީގަލްސްގެ ބެންޗުން ފެންނާނީ މޯހަން

ކްލަބް އީގަލްސްގެ ކޯޗުގެ މަގާމް އަންނަ ސީޒަނުގައި ވެސް މުހައްމަދު ޝިޔާޒް (މޯހަން) ފުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މޯހަން "މިހާރު" އަށް ބުނީ އެއްވެސް އިރަކު ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އަންނަ ސީޒަނުގައި ވެސް ފެންނާނީ އެ ޓީމުން ކަމަށެވެ.

އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާފިޒް (މުފާ) ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ޕްރެކްޓިސް ފެށޭތޯ ކަމަށެވެ. އެ ޓީމުން އަދި ޓްރާންސްފާ ބާޒާރުގައި ހަރަކާތްތެރިއެއް ނުވެ އެވެ.

އަންނަ ސީޒަން ފަށާނެ ކަމަށް ބެލެވިފައި އޮތީ ޑިސެމްބަރު 8 ގަ އެވެ. އެނގިފައިވާ ގޮތުގައި އެ ދުވަހު ކުޅޭ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް އީގަލްސް އެވެ.

އީގަލްސް އަށް އަންނަ ސީޒަން މުހިއްމުވާ އެންމެ ބޮޑު ސަބަބަކީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕުގައި ވާދަކުރަން ފުރުސަތު ލިބިފައިވާތީވެ އެވެ. އެފްއޭ ކަޕުގެ ޗެމްޕިއަނުންނަށްދޭ ޕްލޭއޮފް ޖާގަ އީގަލްސް އަށް ލިބުނީ އެފްއޭ ކަޕް ކެންސަލްވުމާ އެކު އެ ޖާގަ ލީގުގެ ދެ ވަނަ އަށް ދިނުމުންނެވެ.

އާ ސީޒަނަށް މިހާތަނަށް ޕްރެކްޓިސް ފަށާފައިވަނީ މާޒިޔާ އެކަންޏެވެ. ކޮވިޑުގެ ހާލަތުގެ ތެރޭގައި ޕްރެކްޓިސް ފަށަން މިދިޔަ ހަފުތާގައި ހުއްދަ ލިބުނީ އެފްއޭއެމް އާއި ކްލަބްތަކުން ކުރި މަސައްކަތުންނެވެ.

އީގަލްސްގެ ކޯޗުކަމާ މޯހަން ހަވާލުވީ 2018 ގަ އެވެ. އޭނާއާ އެކު އެ ޓީމުން ވަނީ މިދިޔަ ދެ ސީޒަނުގައި ވެސް ލީގުގެ ދެ ވަނަ ހޯދައިފަ އެވެ. ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަމުން 1997-2008 އަށް ފުރި މޯހަން އަކީ 2008 ގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު ހިއްސާދާރެކެވެ. އަދި 2012 ވަނަ އަހަރު މެޗަކުން ބަލިނުވެ ނިއު ރޭޑިއަންޓަށް ލީގު ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ވެލެންސިއާ އާއި އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދީފައިވެ އެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ހާސިލްކޮށްފައިވާ މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއް ވެސް މެ އެވެ. އޭނާ ވަނީ ރާއްޖޭގެ އިތުރުން ނޭޕާލާއި ކެމްބޯޑިއާ އަދި މޮންގޯލިއާގައި އޭއެފްސީގެ ސީ ލައިސަންސް ކޯހުގައި ކިޔަވައިދީފަ އެވެ.