ދޮގުހަދާ މީހުން ދެނެގަންނާނެ ގޮތް
ދޮގުހަދާ މީހުން ދެނެގަންނާނެ ގޮތް

ހާވާޑް ބިޒްނަސް ސްކޫލްގެ ސައިކޮލޮޖިސްޓެއް ކަމަށްވާ އެމީ ކަޑީ ވިދާޅުވާ ގޮތުގައި މީހަކު ދޮގު ހަދާކަން ކަނޑައެޅިގެން އެނގޭނެ ވަކި ގޮތެއް ނޯވެ އެވެ. ނަމަވެސް އެ މީހާ ވާހަކަ ނުދައްކާ، ހަށިގަނޑަށް ގެންނަ ހަރަކާތްތަކުން، އެ ހަދަނީ ދޮގެއްކަން ދެނެގަނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަޑީ ލިޔުއްވާފައިވާ "ޕްރެސެންސް" ކިޔާ ފޮތުގައި އޭނާ ވަނީ މީހަކު ދޮގު ހަދާކަން އެ މީހެއްގެ ހަރަކާތް ހުންނަ ގޮތުން ދެނެގަނެވިދާނެ ބައެއް ގޮތްތައް ފާހަގަ ކުރައްވާފަ އެވެ.

ދޮގު ހަދާ މީހުން ކިޔައިދޭ ވާހަކަ އަކީ ހިތުގައި ފޮރުވައިގެން ހުންނަ ވާހަކައެއް ނޫނެވެ. އެ ހަދަނީ ދޮގުކަން އޭނާގެ އަމިއްލަ ޒަމީރު އޭނާއަށް ވިސްނައިދޭނެ އެވެ.

ކޮންމެ މީހަކުވެސް ދޮގު ހަދާނީ ކޮންމެވެސް ހާލަތެއް ދިމާވެގެންނެވެ. އެހެންކަމުން ދޮގު ހެދިޔަސް އޭނާގެ އަމިއްލަ ނަފްސަށް އެކުރެވެނީ ކުށެއްކަން ގަބޫލުކުރެވި އެކަމާ ލަދުގަންނާނެ އެވެ. ނަފްސާނީ ގޮތުން އޭނާގެ ސިކުނޑީގައި އެ ބުރަ އޮންނާނެ އެވެ.

ދޮގު ހަދަން ދައްކާ ވާހަކަ އާއި ހިތުގައި އޮންނަ ހަގީގަތް ފުށުއެރުމުން ހިތުގައިވާ ވާހަކަތަކުން ކޮންމެވެސް މިންވަރެއް ނަމަވެސް ހާމަކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ އިންސާނާގެ ސިކުނޑީގައި އެހާ ބާރު ނުހުންނާތީ އެވެ.

ދޮގު ހަދާ މީހުން ދެނެގަނެވޭނެ ވަރަށް ގިނަ ގޮތް ހުރެ އެވެ. އެއް ގޮތަކީ އެމީހާގެ ވާހަކަ ދައްކާ ރާގެވެ. އަނެއްގޮތަކީ އޭނާގެ ހަރަކާތްތައް ހުންނަ ގޮތެވެ. އަދި ހުންނަ ގޮތާއި މޫނަށް އަންނަ ބަދަލުތަކުން ވެސް ދޮގު ހަދަނީ ކަން ދެނެގަނެވިދާނެ އެވެ.

ކަޑީ ވިދާޅުވި ގޮތުގައި އެމީހުންގެ ހަށިގަނޑަށް ގެނެވޭ ބަދަލުތަކަށް ވުރެ އެހެން މީހުން ދައްކާ ވާހަކަ އަށް، ދޮގު ހަދާ މީހުން މާ ބޮޑަށް ފޯކަސް ކުރާނެ އެވެ. އެހެންކަމުން ދޮގު ހަދާ މީހުން ވެސް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އޭނާގެ ހަށިގަނޑަށް ގެންނަ ހަރަކާތްތަކުންނެވެ. މިސާލަކަށް މީހަކު ވަރަށް މަޖާކޮށް ހެވިފައި ހުރެގެން ދޮގު ހަދައިގެން ވާހަކައެއް ދައްކަފާނެ އެވެ. ނަމަވެސް އޭނާގެ ހަރަކާތްތަކުން އެ އުފާވެރިކަމެއް ނުފެންނާނެ އެވެ. އޭގެ މާނައަކީ ކޮންމެވެސް ކަމެއް ގޯސްވުމެވެ.

ދޮގު ހަދާކަން އެންމެ ފަސޭހައިން އެނގޭނީ ދައްކާ ވާހަކައިގެ ރާގާއި ހަށިގަނޑުގެ ހަރަކާތްތަކާ ދިމާ ނުވުމުންނެވެ.