ރާއްޖޭގެ އާބާދީ ފަސް ލައްކައަށް ވުރެ މައްޗަށް
ރާއްޖޭގެ އާބާދީ ފަސް ލައްކައަށް ވުރެ މައްޗަށް

ހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ލައްކައެއް އިތުރުވެ، މީހުން ދިރިއުޅޭ އަދަދު ފަސް ލައްކައަށް ވުރެ މައްޗަށް އަރައިފި އެވެ.

ނެޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު އާއްމު ކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރަށް ބަލާއިރު، މުޅި ރާއްޖޭގައި 557،426 މީހުން ދިރިއުޅޭނެ އެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނެ އެވެ. ލަފާކުރެވޭ ގޮތުން އާބާދީގެ 30 ޕަސެންޓް ހިއްސާކުރަނީ ބިދޭސީންނެވެ.

އެންމެ ފަހުން، 2014 ވަނަ އަހަރު ނެގި ބޯހިމެނުން ދައްކާ ގޮތުން ބިދޭސީން ހިމަނައިގެން ރާއްޖޭގެ އާބާދީއަކީ 402،071 އެވެ. އެއީ 338،434 ދިވެހީންނާއި 63،637 ބިދޭސީންނެވެ. އެހެންވެ، ވޭތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި އާބާދީއަށް ލައްކައަކަށް ވުރެ ގިނަ މީހުން ވަނީ އިތުރުވެފަ އެވެ.

ތަފާސް ހިސާބަށް ބަލާއިރު އާބާދީގެ 40.8 ޕަސެންޓް ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ. އެއީ 227،000އަށް ވުރެ ގިނަ މީހުންނެވެ. ބާކީ، 59.2 ޕަސެންޓް މީހުން އެކި އަތޮޅުތަކަށް ބެހިފައިވާއިރު، ދެން އެންމެ އާބާދީ ބޮޑީ ކ. އަތޮޅުގަ އެވެ. އެގޮތުން 41،000އަށް ވުރެ ގިނަ މީހުން މާލެ އަތޮޅުގައި އުޅޭއިރު ދެން އެންމެ ގިނަ މީހުން އުޅެނީ އައްޑޫގަ އެވެ. އެ ސިޓީގައި 26،635 މީހުން ދިރިއުޅެ އެވެ.

އެ އަތޮޅުތަކުގެ އިތުރުން އާބާދީގައި 20،000އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅުތަކަކީ ހދ، ރ، ބ، އދ، އަތޮޅެވެ. އާބާދީ 10،000އިން ދަށުގައި އުޅެނީ ވ، މ، ފ، ޏ، އަތޮޅުގަ އެވެ. މީގެ ތެރެއިން ވ. އަތޮޅުގެ އާބާދީ އަކީ 2،688 މީހުންނެވެ.