އައިޝްވަރިޔާއާ ބެހޭ ގޮތުން ރަންބީރު ބުނި އެއްޗަކުން ބައްޗަން އާއިލާ ހިތްހަމަނުޖެހިފައި
އައިޝްވަރިޔާއާ ބެހޭ ގޮތުން ރަންބީރު ބުނި އެއްޗަކުން ބައްޗަން އާއިލާ ހިތްހަމަނުޖެހިފައި

ރަންބީރު ކަޕޫރު މިދުވަސްކޮޅު އުޅެނީ "އޭ ދިލް ހެ މުޝްކިލް" ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ވަރަށް އަވަދިނެތި އެވެ. އެގޮތުން އެކި ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތަކަށް އިންޓަވިއު ދިނުމާއި އެކި ޝޯތަކުގައި ބައިވެރިވުން ފަދަ ވަރަށް ގިނަ ކަންތައްތަކުގައި އޭނާ އުޅޭތަން މިހާރު ވަރަށް ގިނައިން ފެނެ އެވެ. އެގޮތުން ރޭޑިއޯ ޕްރޮގްރާމެއްގައި ރަންބީރަށް ބުނެވުނު އެއްޗެއް މިހާރު ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ.

އައިޝްވަރިޔާއާ ބެހޭ ގޮތުން ރަންބީރު ބުނި އެއްޗަކުން ބައްޗަން އާއިލާ ހިތްހަމަނުޖެހިފައި
އައިޝްވަރިޔާއާ ބެހޭ ގޮތުން ރަންބީރު ބުނި އެއްޗަކުން ބައްޗަން އާއިލާ ހިތްހަމަނުޖެހިފައި

ޚާއްސަކޮށް ރަންބީރުއާ އެކު "އޭ ދިލް ހެ މުޝްކިލް"ގައި މުހިއްމު ރޯލެއް އަދާކުރި ބަތަލާ އައިޝްވަރިޔާ ރާއީއާ ގުޅޭ ގޮތުން ރަންބީރު ބުނި އެއްޗަކުން އައިޝްވަރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަންގެ އާއިލާއިން ވަނީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ޓީންއޭޖް ދުވަސްވަރު އެ މީހަކަށް ރަންބީރު ވަރަށް ހިތް ކިޔާފައި ހުރި އައިޝްވަރިޔާ އާއެކު "އޭ ދިލް ހެ މުޝްކިލް"ގައި ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހުމުން ކުރެވުނީ ކޮން ކަހަލަ އިހްސާސްތަކެއްތޯ މި ރޭޑިއޯ އިންޓަވިއުގައި ރަންބީރާ ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ ވަރަށް ލަދުގަތް ކަމަށެވެ. އަތް ވެސް ތުރުތުރު އެޅި ކަމަށެވެ. އައިޝްވަރިޔާގެ ކޮލުގައި އަތްޖައްސާލަން ވެސް ބައެއް ފަހަރަށް ފަސް ޖެހެވުނު ކަމަށް ވެސް ރަންބީރު ބުންޏެވެ.

"އަހަރެން ހާސްވެގެން އުޅޭކަން އައިޝްވަރިޔާ އަށް ވިސްނިގެން ބުނި ކީއްހޭ ތިކުރަނީ. މީ އެކްޓިންއެއް ނޫންހޭ. ރަނގަޅަށް އެކްޓްކުރާށޭ. ދެން އަހަރެން ހިތަށް އެރީ ދެން މިކަހަލަ ފުރުސަތެއް ލިބޭނީކީ ވެސް ނޫނޭ. އެހެންވެ އަހަރެންވެސް ފުރުސަތުގެ ބޭނުން ރަނގަޅަށް ކޮށްލީ،" ރޭޑިއޯ އިންޓަވިއުގައި ރަންބީރު ބުނެފައި ވެ އެވެ.

ރަންބީރު ދެއްކި މި ވާހަކަތައް އިވިފައި އައިޝްވަރިޔާގެ ފިރިމީހާ އަބީޝެކް ބައްޗަންގެ އާއިލާއިން ވަރަށް ހިތްހަމަނުޖެހުނު ކަމަށްވެ އެވެ. އެ އާއިލާގެ ގާތް މީހަކު ބުނި ގޮތުގައި ރަންބީރު މިފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ބައްޗަން އާއިލާ ވަރަށް ހިތްހަމަނުޖެހުނެވެ. އެ އާއިލާގެ އެންމެ އިސް މީހުންނަކީ މަޝްހޫރު އެކްޓަރުންނަށް ވާއިރު ޕްރޮފެޝަނަލް އެކްޓަރުންގެ ހުންނަން ޖެހޭ ސިފަތައް އެމީހުންނަށް ވެސް ރަނގަޅަށް ވިސްނޭ ކަމަށް ވެސް އެ އާއިލާގެ އެކުވެރިޔާ ބުންޏެވެ.

"ފިލްމުގައި ހިމެނޭ މަންޒަރުތަކާ އެމީހުން އެއްވެސް މައްސަލައެއް ނުޖައްސާ. ނަމަވެސް ފުރުސަތުގެ ބޭނުން ކޮށްލިއްޔޭ ބުނުން ކަހަލަ ލަދުވެތި ވާހަކަތައް ރަންބީރު ދެއްކުމުން އެމީހުން ނުރުހުންވީ،" ނަން ހާމަކުރަން ބޭނުންނުވާ އެ މީހާ ބުނެފައިވެ އެވެ.

ރަންބީރު ދެއްކި ވާހަކަތައް އިންޑިއާގެ ނޫސްތަކުގައި ލިޔެ އެކަމާ ގުޅޭ ގޮތުން ރިޕޯޓުތައް ޝާއިއުކުރުމުން ރަންބީރު ވެސް ވަނީ ވަރަށް ދެރަވެ ހިތްހަމަނުޖެހިފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ދެއްކި ވާހަކަތައް ބޮޑުކޮށްގެން އަދި އޮޅުވާލައިގެން ނޫސްތަކުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.

ރަންބީރު ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ އައިޝްވަރިޔާ އަކީ މޮޅު އެކްޓަރެއް ކަމަށާއި އަދި އާއިލީ އެކުވެރިއެއް ކަމަށެވެ. އަދި އޭނާއަކީ އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ އިހްތިރާމް ލިބިގެންވާ އެކަކު ކަމަށާއި "އޭ ދިލް ހެ މުޝްކިލް" ގައި އައިޝްވަރިޔާ ކޮށްދީފައިވާ މަސައްކަތަށް އޭނާ މުޅި އުމުރަށް ވެސް ޝުކުރުވެރިވާނެ ކަމަށެވެ.

"އަހަރެން ދުވަހަކުވެސް އޭނާގެ ހުރުމަތް ކެނޑޭކަހަލަ ވާހަކައެއް ނުދައްކާނަން،" ރަންބީރުގެ ބަޔާނުގައި ބުނެފައިވެ އެވެ.