12 އޮކްޓޯބަރ 2020 - 23:26

ކޮވިޑް-19އަށް ޓެސްޓުކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޓެސްޓު ކިޓު ގުދަން ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ހަލާކުވެފައިވާ ކަމަށާއި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޓެސްޓު ކިޓުތައް ހަލާކުވެފައި ހުރިކަން އެނގުނީ އޭގެން ރަނގަޅަށް ނަތީޖާ ނުނިކުމެގެން ކަމަށެވެ. އެ މައްސަލަ ދިމާވީ މިހާރު ހުރި ކިޓުތަކުގެ ތެރެއިން އެއް ބެޗްގެ ކިޓުތަކުގައި ކަމަށް ވިދާޅުވި އެވެ. އެއީ ކިހާ އަދަދެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ އެ ބެޗްގެ 3000 އަށް ވުރެ ޓެސްޓް ކިޓް ބޭނުންނުކޮށް ވެސް ބަހައްޓާފައިވާ ކަމަށެވެ.
"މީގެ ތެރެއިން ވަރަށް ގިނަ ކިޓުތައް އަޅުގަނޑުމެންނަށް ބޭނުންކުރެވުނު. އެކަމަކު ސުވާލު އުފެދޭ އެއްވެސް ނަތީޖާއެއް ރިޕޯޓުކޮށްފައެއް ނުވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެސްޓު ކިޓުތަކުގައި މައްސަލަ ޖެހިފައި ހުރީ ކިޓުގެ އިންޓާނަލް ކޮންޓްރޯލްގައި ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެކަން ދިމާވި ގޮތް ބަލައި އެކަމުގައި ޒިންމާވާން ޖެހޭ މީހަކު ހުރިއްޔާ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް ވެސް މަސައްކަތްކުރާ ކަމަށް ވިދާޅުވި އެވެ.
"އެސްޓީއޯއާ އެކު އެއްބަސްވުމެއްގެ ދަށުން މިގޮތަށް ގެންނަ ކިޓުތަކުގެ ތެރެއިން ހާއްސަކޮށް މައިނަސް ފްރީޒިން ޓެމްޕަރޭޗާގައި ބަހައްޓަން ޖެހޭ ކިޓުތައް އެސްޓީއޯގެ ކޯލްޑް ސްޓޯރޭޖުގައި ބެހެއްޓުމަށް އެއްބަސްވެވި އެގޮތަށް ރައްކާކުރެވިފަ ވަނީ." ޑރ. ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ކުރިއަށް އޮތް 20 ދުވަހު ބޭނުންކުރެވޭނެ ގޮތަށް 40،000 ޓެސްޓު ކިޓު އެބަހުރި ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހުގެ ސަޕްލައި ވެސް ޔަގީންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.