12 އޮކްޓޯބަރ 2020 - 19:06

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 އިން "އިމާޖިން ލީޑާ އޮފް ދި އިޔާ" ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަށް ލިބިވަޑައިގެންފި އެވެ.
މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.
ސްޓެލްކޯއިން ބުނީ މުޣުނީ އަށް އެވޯޑު ލިބިވަޑައިގަތީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމާއި ކުންފުންޏާއި ކަސްޓަމަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތުގެ މައްޗަށް ކަމަށެވެ. އެގޮތުން ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ހޯދުމަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފްކުރައްވައި ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ނަމަ އަވަހަށް ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމުގެ އިތުރަށް ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓާކަނެކްޝަން ޕްރޮޖެކްޓް ހިމެނޭ ކަމަށް ބުންޏެވެ.
މީގެ އިތުރަށް ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ އޮތުރަށް ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ވެސް ހިމެނޭ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މިއަދު ބޭއްވި އޮންލައިން ރަސްމިއްޔާތުގައި މުޣުނީ ދެއްކެވި ވާހަކައިގައި މި އެވޯޑު ލިބިވަޑައިގަތުމަކީ 70 އަހަރުގެ ދިގުމާޒީއެއް އޮތް އެ ކުންފުންޏަށް ލިބުނު ޝަރަފެއް ކަމަށެވެ. އަދި އެފަދަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ އެ ކުންފުންޏަކީ ޑްރީމް ކޮމްޕެނީއަކަށް ހެދުމަށް ކުރާ މަސައްކަތްތައް ވޯލްޑް އެޗްއާރުޑީ ކޮންގްރެސް ފަދަ ބަޔަކު ބަލައިގަތްކަން ދޭހަވާ ކަމެއް ކަމަށް ވިދާޅުވި ކަމަށެވެ.
ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއަކީ ހިއުމަން ރިސޯސަސް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު އެއް ކޮންގްރެސް އެވެ. ސްޓެލްކޯއާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް އެ ހަފްލާގައި ދެ އެވޯޑެއް ލިބިފައިވާއިރު އެވޯޑްތަކަށް އޭޝިއާ ސަރަހައްދުގެ 30 އަށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވަނީ ވާދަކޮށްފަ އެވެ.