ސްޓެލްކޯ އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ
ސްޓެލްކޯ އަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ

ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އާއި، އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑްސް 2020 އިން "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ސްޓެލްކޯ އަށް ލިބިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ"ގެ އެވޯޑް އެ ކުންފުންޏަށް ލިބިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާ އެކު، އެ ކުންފުނިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އޭގެތެރޭގައި ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނީގެ ކުންފުނި ހިންގުމާއި އޯވާރޯލް ޕާފޯމެންސް ހިނެނެ އެވެ. އަދި ގަވަނެންސް ހަރުދަނާވުމާއި ތިމާވެއްޓާ ރައްޓެހި ހަކަތައަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމާއި، ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ އަދި އަޅަމުންދާ ފިޔަވަޅުތައް ހިމެނޭ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުންޏަކީ ރައްޔިތުންނާ ސީދާ ގުޅިފައިވާ ކުންފުންޏަކަށްވާއިރު ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާ ވުން ހިމެނޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެ އެވެ. އެގޮތުން އެ ކުންފުނީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތުދީ، މުޖުތަމައުއަށާއި، ހާއްސަ އެހީއަށް ބޭނުންވާ ބައެއް މީހުން ކުންފުންޏަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުމާއި، ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖެއްސުން ހިމެނޭ ކަމަށް ވެސް ބުންޏެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ގޮތުގައި ތިއްބާ މަރުވާ މީހުންގެ 18 އަހަރުން ދަށުގެ ކުދިންނަށް 18 އަހަރު ވަންދެން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި ހަ މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން 2 ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދެ އެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.