އެއްވެސް ބަތަލާއަކާ ރައްޓެއްސެއް ނުވަން: ފަރްހާން އަޚްތަރު
އެއްވެސް ބަތަލާއަކާ ރައްޓެއްސެއް ނުވަން: ފަރްހާން އަޚްތަރު

މަޝްހޫރު ފިލްމު ޑައިރެކްޓަރު އަދި އެކްޓަރު ފަރްހާން އަޚްތަރާއި އަންހެނުން އަދުނާ ބަބާނީ ވަރިވިކަން އިއުލާން ކުރީއްސުރެ ފަރްހާން އާއި އޭނާއާ އެކު ފިލްމު ކުޅޭ ބަތަލާއިންނާ އަޅުވާކިޔުމުގެ ސިލްސިލާއެއް ވަނީ ފެށިފަ އެވެ. އެގޮތުން ފަރްހާންގެ "ވަޒީރު"ގެ ކޯސްޓާ އަދިތީ ރާއޯ ހައިދަރީ އާއި އޭނާ ރައްޓެހިވި ކަމުގެ ޚަބަރުތައް ވެސް ދާދިފަހުން ފެތުރުނެވެ. އަދި ފިލްމީ ތަރި ކަލްކީ ކޯޗްލީން އާ ފަރްހާން ރައްޓެހިވި ކަމަށް ވެސް ވާހަކަ ދެކެވުނެވެ.

އެގޮތުން އެންމެ ފަހުން ފެތުރުނު އަޑަކީ ފަރްހާން މިހާރު ކުޅެ ނޮވެމްބަރު 11 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ރޮކް އޮން 2" ގެ ބަތަލާ ޝްރައްދާ ކަޕޫރާއި ފަރްހާންގެ ލޯބީގެ ވާހަކަ އެވެ.

ފަރްހާން ބުނި ގޮތުގައި މި ހުރިހާ ވާހަކަތަކަކީ ވެސް ބައެއްގެ ޚިޔާލީ ވާހަކަ ތަކެކެވެ. މީގައި އެއްވެސް ވަރަކަށް ހަގީގަތެއް ނެތެވެ. މި ހުރިހާ އަންހެނުންނާ އޭނާ އެއްފަހަރާ ރައްޓެހިވާނީ ކިހިނެއްތޯ ފަރްހާން ސުވާލު ކުރި އެވެ.

ތަފާތު ބަތަލާއިންނާ އަބަދު އަޅުވާ ކިޔާތީ ފަރްހާންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. އޭނާ ބުނި ގޮތުގައި އޭނާއަކީ ބޮޑުވަމުން އަންނަ ދެ އަންހެންދަރިންގެ ބައްޕައެކެވެ. އަދި ދޮށީ ދަރިފުޅަކީ މިހާރު ސޯޝަލް މީޑިއާގައި ވެސް އުޅޭ ކުއްޖަކަށް ވާތީ އޭނާއާ ބެހޭ ގޮތުން ދެކެވޭ މިފަދަ ވާހަކަތަކުން އެކުދިން ލަދުގަނެ ނޭދެވޭ އަސަރުތައް ކުދިންނަށް ކުރުމަކީ ފަރްހާން އެންމެ ހިތްހަމަނުޖެހޭ ސަބަބެކެވެ. އަދި ހަގު ދަރިފުޅަކީ ވެސް އެހާ ކުޑަ ކުއްޖަކަށް ނުވާތީ އޭނާ އަށް ވެސް މިހާރު ފެތުރެމުންދާ ޚަބަރުތައް ކޮންމެވެސް ވަރަކަށް އެނގޭނެކަމަށް ފަރްހާން ގަބޫލު ކުރެ އެވެ.

ފަރްހާން ބުނި ގޮތުގައި މީހުންނާ ރައްޓެހިވުމަކީ އެހާ ފަސޭހައިން ކުރެވޭ ކަންތައްތަކެއް ނޫނެވެ. އަދި މިކަމުގައި އެހެން މީހުންގެ އަބުރާ އިއްޒަތް ޝާމިލު ވާތީ މިފަދަ ތޯތޯ ވާހަކަތައް ދައްކާތީ ހިތްހަމަނުޖެހެނީ ކަމަށް ވެސް ފަރްހާން ބުންޏެވެ.