12 އޮކްޓޯބަރ 2020 - 12:41

ހައި ކޯޓުގައި ހިނގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް ޝަރީއަތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައިވަނީ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފަހު ހައި ކޯޓުގައި ކުރިއަށްދާ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތަށް ޖޭއެސްސީން ނުފޫޒު ފޯރުވާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ. އެއީ ޔާމީނަށް ކުރީ ސިޔާސީ ހުކުމެއްކަން ޔަގީންވެފައިވާ ދަނޑިވަޅެއްގައި ޖޭއެސްސީ އާއި ސަރުކާރުގެ އިސް ވެރިންގެ ގޮތް ހުސްވެގެން ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަނިކުފާނުގެ ވަކީލުން ޖޭއެސްސީގައި ތިއްބަވައިގެން ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން ދިއުމުން ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް ބާރު ފޯރުވާ މިންވަރު ސާފުވާ ކަމަށެވެ. އަދި ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމަނިކުފާނު ޖަލުގައި ބަހައްޓައިގެން ގައުމު ވިއްކާލަން މި ސަރުކާރުން ކުރާ ކަންކަމަށް ފުރުސަތު ހޯދުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ގޮވާލާފައިވަނީ ޔާމީން ވަގުތުން މިނިވަން ކުރުމަށެވެ. އަދި އެމަނިކުފާނު ދޫކޮށްލައިފި ނަމަ ރައްޔިތުން ދިފާއުގައި ތެދުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޔާމީންގެ ނަމުގައި އޮތް އަށް އެކައުންޓެއް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.