ޗައިނާ އިން ލަންކާ އަށް 89 މިލިއަން ޑޮލަރުގެ އެހީއެއް
ޗައިނާ އިން ލަންކާ އަށް 89 މިލިއަން ޑޮލަރުގެ އެހީއެއް

ކޮލަމްބޯ (އޮކްޓޯބަރު 12) - ސްރީ ލަންކާގެ ރައްޔިތުންނަށްޓަކައި 600 މިލިއަން ރެންމިންބި ޔުއާން (89.6 މިލިއަން ޑޮލަރު) ގެ އެހީއެއް ދިނުމަށް ޗައިނާ އިން ނިންމައިފި އެވެ.

ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން އެކަން އިއުލާންކޮށްފައި ވަނީ ހަތް މެންބަރުން ހިމެނޭ ޗައިނާގެ މަތީ ފެންވަރުގެ ވަފުދެއް ލަންކާ އަށް ކުރައްވާ ދަތުރާ ދިމާކޮށެވެ. ޗައިނާގެ ކުރީގެ ފޮރިން މިނިސްޓަރު ޔަންގް ޖިއެޗި އިސްކޮށް ހުންނަވާ ވަފުދުން ވަނީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާއާ ބައްދަލު ކުރައްވައިފަ އެވެ. ޗައިނާ އިން ދިން އެހީ އަށް ރައީސް އާއި ބޮޑުވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޗައިނާ އިން ދިން އެހީ ބޭނުން ކުރާނީ ލަންކާގެ ރަށްފުށުގެ ސަރަހައްދުތަކުގެ ސިއްހީ ޚިދުމަތް ފުޅާކުރުމަށާއި ތައުލީމާއި ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށެވެ.

ޗައިނާގެ ކުރީގެ ޚާރިޖީ ވަޒީރާ އެކު ބޭއްވި ބައްދަލުވުމުގައި ރާޖަޕަކްސާ ވަނީ، ޗައިނާ އިން ފަންޑްކޮށްގެން ހިންގާ ބިޔަ މަޝްރޫއުތަކަކީ "ދަރަނީގެ ދަންތުރަތަކެއް" ކަމަށް ބުނެ ދައްކާ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. ރާޖަޕަކްސާ ވިދާޅުވެފައި ވަނީ އެއީ ލަންކާގެ ތަރައްގީ އާއި އިގްތިސާދު ފުޅާ ކުރުމަށް ހިންގާ މަޝްރޫއުތަކެއް ކަމަށެވެ. ޗައިނާގެ ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވެފައި ވަނީ ބެއިޖިން އިން ކޮލަމްބޯ އަށް ދޭ އެހީއަކީ ހަމައެކަނި ބުނެލާ ބަހެއް ނޫން ކަމަށާއި ލަންކާގެ ތަރައްގީއަށްޓަކައި އެ އެހީތައް ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ.

ރައީސް ގޯޓާބޭއާ އެކު ޗައިނާގެ ވަފުދުން ބޭއްވި ބައްދަލުވުމުގައި ވަނީ ކޮވިޑް-19 ގެ ސަބަބުން ހީނަރުވެފައިވާ ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ އަލުން ކޮޅަށް ޖެހުމަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން ދީފަ އެވެ.