31 އޮކްޓޯބަރ 2016 - 05:39

މިދިޔަ ހުކުރު ދުވަހު ރިލިޒްކުރި ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ "އޭ ދިލް ހެ މުޝްކިލް"ގައި މެހެމާނެއްގެ ރޯލު އަދާކޮށްފައިވާ ފިލްމީ ބަތަލާ ލީސާ ހޭޑްން ކައިވެނިކޮށްފި އެވެ. ލީސާ ކައިވެނިކުރީ ޑީނޯ ލަލްވާނީ ކިޔާ ވިޔަފާރިވެރިއަކާ އެވެ.

މިދިޔަ ހުކުރު ދުވަހު ލީސާ އާއި ޑީނޯ ކައިވެނިކޮށްފައި ވަނީ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުމަށް ފަހުގަ އެވެ.
މި ކައިވެނިކޮށްފައި ވަނީ ބީޗެއްގަ އެވެ. ލީސާ އާއި އޭނާގެ ކޮއްކޮ މަލައިކާ ވަނީ ކައިވެނީގެ ރަސްމިއްޔާތުގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްކޮށް ލީސާގެ ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
އިންޑިއާގެ ޗެންނާއީއަށް އުފަން ލީސާގެ ބައްޕަ ވެންކަޓް އަކީ އިންޑިއާ މީހެކެވެ. މަންމަ އަނާ ހޭޑްން އަކީ އޮސްޓްރޭލިޔާ މީހެކެވެ. އޭނާ ކުޑައިރުއްސުރެ ދިރިއުޅެފައިވަނީ އޮސްޓްރޭލިޔާ އާއި އެމެރިކާގަ އެވެ.
އިންޑިއާއަށް 2007 ގައި ދިރިއުޅުން ބަދަލުކުރީ މޮޑެލް ކުރުމުގެ ރޮނގުން ކެރިއަރެއް ބިނާ ކުރުމަށެވެ.
ލީސާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2010 ގައި ރިލީޒްކުރި "އައިޝާ" އެވެ. އޭގެ ފަހުން "ރާސްކަލްސް" އާއި "ކުއީން" އަދި "ހައުސްފުލް 3" ފަދަ ފިލްމުތައް ކުޅެފައި ވެއެވެ. އަދި "ކުއީން"ގައި އޭނާ ކުޅުނު ވިޖެޔާލަކްޝްމީގެ ރޯލުން ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ފިލްމް ފެއާ އެވޯޑަށް ވެސް އޭނާ ނޮމިނޭޓް ވިއެވެ.
ލީސާ ކައިވެނިކުރިއިރު އޭނާ ކުޅެމުންދަނީ "ބާދްޝާއޯ" ކިޔާ ފިލްމެކެވެ. މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.