ޗައިނާގެ ސިޓީއެއްގެ ނުވަ މިލިއަން މީހުން ފަސް ދުވަހުން ޓެސްޓްކުރަނީ
ޗައިނާގެ ސިޓީއެއްގެ ނުވަ މިލިއަން މީހުން ފަސް ދުވަހުން ޓެސްޓްކުރަނީ

ބެއިޖިން (އޮކްޓޯބަރު 12) - ޗައިނާގެ ސިޓީއެއް ކަމަށްވާ ޗިންޑައޮގެ އާބާދީގައި ހިމެނޭ ނުވަ މިލިއަން މީހުން އެންމެ ފަސް ދުވަސްތެރޭ ކޮރޯނާވައިރަހަށް ޓެސްޓް ކުރަން ނިންމައިފި އެވެ.

ޗިންޑައޮގެ މުޅި އާބާދީ ޓެސްޓް ކުރަން ނިންމީ އެ ސިޓީގެ ހޮސްޕިޓަލަކުން ފަރުވާ ހޯދި ބަޔަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ހޮސްޕިޓަލުން ފަރުވާ ހޯދާފައި ވަނީ ބޭރު ގައުމެއްގައި އުޅެފައި ޗައިނާ އަށް ދިޔަ ބަޔެކެވެ.

ޗައިނާ އިން މިދިޔަ މެއި މަހު ވަނީ ވޫހާން ސިޓީގެ 11 މިލިއަން މީހުންގެ އާބާދީ 10 ދުވަހުން ޓެސްޓްކޮށްފަ އެވެ. ޗައިނާ އިން ވައިރަސް ކޮންޓްރޯލްކޮށްފައި ވަނީ ޓެސްޓްކުރުން ފުޅާކޮށްގެންނެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި އެތައް މިލިއަން ބަޔަކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ޓެސްޓް ކުރުމުގެ ގާބިލްކަން ޗައިނާ އިން މިހާރު ވަނީ ހޯދައިފަ އެވެ.

ޗިންޑައޮގެ މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީން ކޮރޯނާވައިރަހުގެ އާ ހަ ކޭސް އަދި އެއްވެސް އަލާމާތެއް ނުފެންނަ ހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ހުރިހާ ކޭސްތަކެއް ވެސް ގުޅިފައި ވަނީ އެއް ހޮސްޕިޓަލްއާ އެވެ.

ކޮމިޝަނުން ބުނެފައި ވަނީ ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފަށާފައިވާ ކަމަށާއި އުއްމީދަކީ ތިން ދުވަހުން ފަސް އަވަށް ޓެސްޓްކޮށް ނިންމުން ކަމަށެވެ. އަދި މުޅި ސިޓީ ފަސް ދުވަހުން ޓެސްޓް ކުރުމެވެ. ހޮސްޕިޓަލްގެ ސްޓާފުންނާއި ބަލި މީހުން ހިމެނޭ ގޮތަށް މިހާތަނަށް ޓެސްޓް ކުރި 114،862 މީހުން ވަނީ ނެގެޓިވްވެފަ އެވެ.

ޗައިނާގެ ސިޓީއަކުން އާ ކޭސްތަކެއް ފެނިފައި ވަނީ އެ ގައުމުގައި ފާހަގަކުރާ ގޯލްޑަން ވީކް ބަންދު ދުވަސްތަކާ ދިމާކޮށެވެ. އެއީ ޗައިނާގައި އެތައް މިލިއަން ބަޔަކު އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ.

ޗައިނާ އިން ވަނީ 85،578 މީހުން ވައިރަހަށް ޕޮޒިޓިވްވެ 4،634 މީހުން މަރުވެފަ އެވެ.