12 އޮކްޓޯބަރ 2020 - 11:05

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، 100 ކިލޯ އަށް ވުރެ ގިނަ ޑްރަގްސް ހިފައިގެން ހުޅުމާލެ ފަޅަށް ވަން ދޯންޏެއް އަތުލައިގެންފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ކައިރީގައި އޮތް ދޯންޏަކުން ހެރޮއިން އާއި ޕާޓީ ޑްރަގްސްގެ ގޮތުގައި އާންމުކޮށް ބޭނުންކުރާ މެތު އަތުލައިގެންފައިވާ ކަމަށެވެ. އެ ތަކެތީގެ އަދަދު 100 ކިލޯ އަށް ވުރެ ގިނަވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މި އޮޕަރޭޝަން ހިންގީ ހަމީދު ވިދާޅުވިގޮތުގައި ޑީއީޑީ އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް ގުޅިގެންނެވެ.
އައްޑޫން ކަނޑުމަތީގައި ފުލުހުން މިދިޔަ ހަފުތާގައި ހިންގި އޮޕަރޭޝަނެއްގައި ވެސް މިދިޔަ ހަފުތާގައި ވެސް ގާތްގަނޑަކަށް 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ މައްސަލައިގައި ބައެއް މީހުން ހައްޔަރުކޮށް، ފުލުހުން އަންނަނީ ފުޅާ ދާއިރާއެއްގައި ތަހުގީގެއް ހިންގަމުންނެވެ. އައްޑޫން މި މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެ އެވެ.