ފޯނާއި ފައިސާގައި 28 ދުވަސް ވަންދެން ވައިރަސް ހުރޭ!
ފޯނާއި ފައިސާގައި 28 ދުވަސް ވަންދެން ވައިރަސް ހުރޭ!

ސިޑްނީ (އޮކްޓޯބަރު 12) - ކޮވިޑް-19 ޖައްސާ ސާސް-ކޯވް-2 ވައިރަސް ފޯން ސްކްރީނާއި ފައިސާގެ ނޫޓާއި ސްޓެއިންލެސް ސްޓީލްގައި 28 ދުވަސް ވަންދެން ހުންނަ ކަމަށް ރިސާޗަރުން ބުނެފި އެވެ.

އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް އެޖެންސީގެ އާ ހޯދުމުން އެނގުނު ގޮތުގައި ބައެއް ސާފޭސްތަކުގައި ކޮރޯނާވައިރަސް ހުންނަ މުއްދަތު، ކުރީގެ ހޯދުންތަކަށް ވުރެ މާ އިތުރެވެ. ލެބޯޓްރީގެ ކުރީގެ ހޯދުންތަކުން އެނގޭ ގޮތުގައި ސާސް-ކޯވް-2 ވައިރަސް ފައިސާގެ ނޫޓާއި ބިއްލޫރީގައި ސަލާމަތް ވަނީ ދޭއް ނުވަތަ ތިން ދުވަހަށެވެ. އަދި ޕްލާސްޓިކާއި ސްޓީލްގައި ހަ ދުވަހުގެ މުއްދަތަށެވެ. އޮސްޓްރޭލިއާގެ ސައެންސް އެޖެންސީގެ ފަހުގެ ހޯދުމުން އެނގުނު ގޮތުގައި، 20 ޑިގްރީ ސެލްސިއަސްގައި (ގާތްގަނޑަކަށް ރޫމް ޓެމްޕަރޭޗަރުގައި)، ބިއްލޫރި އާއި ފައިސާ، މޯބައިލް ފޯން ސްކްރީން އަދި ޕްލާސްޓިކުގައި 28 ދުވަސް ވަންދެން ވައިރަސް މަރު ނުވެ ހުރެ އެވެ. މި ހޫނުމިނުގައި މި ސާފޭސްތަކުގައި، ރޯގާގެ ވައިރަހަށް ސަލާމަތް ވެވެނީ 17 ދުވަހަށެވެ.

އޮސްޓްރޭލިއާގެ އެޖެންސީގެ ތަހުލީހު ކުރިއަށް ގެންގޮސްފައި ވަނީ އަނދިރި މާހައުލެއްގަ އެވެ. ސަބަބަކީ ޔޫވީ އަލިން ވައިރަސް މަރުވާނެތީ އެވެ.

ވައިރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި، ހޫނުމިން މަތިވެއްޖެ ނަމަ، ގާތްގަނޑަކަށް 40 ޑިގްރީ ސެލްސިއަސްގައި، ވައިރަހަށް ދިރިއުޅެވެނީ 24 ގަޑިއިރު އެވެ. މި ދިރާސާ އިން ބާރު ލިބޭ ގޮތުގައި ފިނިކުރި ކާބޯތަކެތީގައި ވައިރަހަށް ގިނަ ދުވަހަށް އުޅެވެ އެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ ކާނާ އާއި ކާނާ ބަންދުކޮށްފައި ހުންނަ ޕެކޭޖިންގެ ޒަރީއާއާ އިން ކޮރޯނާވައިރަސް ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

ކޮރޯނާވައިރަސް އާއްމުކޮށް ފެތުރެނީ ކެއްސާ، ކިނބިހި އަޅާ އަދި ވާހަކަ ދައްކާ އިރު ބޭރުވާ ޕާޓިކަލްސްތަކުންނެވެ. ނަމަވެސް ތަޖްރިބާކާރުން ބުނަނީ ވައިގެ ތެރޭގައި ހުންނަ ޕާޓިކަލްސްތަކުން ވެސް އެހެން މީހުންނަށް ވައިރަސް އަރާ ކަމަށެވެ. އަދި ދަގަނޑާއި ޕްލާސްޓިކް ސާފޭސްތަކުން ވެސް ވައިރަސް އަރަ އެވެ.