ސީޑޯގެ ކުޑަކުދިންގެ ފޮތެއް އާކުން ނެރެފި
ސީޑޯގެ ކުޑަކުދިންގެ ފޮތެއް އާކުން ނެރެފި

އަންހެނުންނާ މެދު ކުރާ ތަފާތުތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ސީޑޯ) ގެ ކުޑަކުދިންގެ ފޮތެއް، އާކުން މިއަދު ނެރެފި އެވެ.

ޔުނިސެފާ ގުޅިގެން ތައްޔާރުކުރި ފޮތް، ބައިނަލްއަގުވާމީގޮތުން މިއަދު ފާހަގަކުރާ އަންހެންކުދިންގެ ދުވަހު ނެރެދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

ފޭސްބުކްގައި ލައިވްކޮށް ގެންދިޔަ އިވެންޓުގައި ފަސްޓްލޭޑީ ވިދާޅުވީ އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރަން މިއަދު އަޅާ ކޮންމެ ފިޔަވަޅަކީ، އެ ކުދިންގެ މާދަމާގެ މުސްތަގުބަލު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އޭގެ އިތުރުން ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރި އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތުކުރުމަކީ އަނިޔާ އާއި ތަފާތުކުރުމުން ލިބޭ ގެއްލުންތަކުން އެ ކުދިން ސަލާމަތްކުރަން އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ގުޅޭގޮތުން ފިރިހެން ކުދިން ހޭލުންތެރިކުރުވުމަކީ، ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި، އަންހެނުންނާ މެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމަށް އެޅޭ ބިންގަލެކެވެ. ނަމަވެސް ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް އާއިލާތަކުން ޖެހިލުންވާކަން ފާހަގަކުރެއްވި އެވެ. އޭގެ އެއް ސަބަބު ކަމަށް ބެލެވެނީ، ހައްގުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެ ކުދިންގެ އަހުލާގަށް ނޭދެވޭ އަސަރުކުރުވާނެ ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި އެކަމަށް އޮތް ހައްލަކީ ލިބިފައިވާ ކޮންމެ ހައްގަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް އަމަލާއި ބަހުން ދެއްކުމެވެ.

އާކުން ބުނީ އެ ފޮތުން، ކުޑަކުދިންނާ ގުޅޭ ގޮތަށް ސީޑޯ މުއާހަދާއިން އަންހެންކުދިންނަށް ކަށަވަރުކޮށްދޭ ހައްގުތަކާއި ސަރުކާރުގެ ޒިންމާތަކާ ބެހޭ މައުލޫމާތު އެނގިގެންދާނެ ކަމަށެވެ.

ތައުލީމާއި ސިއްހަތާއި ވަޒީފާއާއި ފަރުވާ އާއި ކައިވެނި އަދި އާއިލީ ދިރިއުޅުމުގައި ލިބެންޖެހޭ ހައްގުތައް ކުޑައިރު އެނގުމަކީ އަންހެން ކުއްޖަކަށް ނުވަތަ އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތައް ނައްތާލުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު، މީގެ 11 އަހަރުކުރިން އުފެއްދި ޖަމިއްޔާއިން ބުންޏެވެ.