މާލޭ ސަރަހައްދުން ނޫނީ މިއަދު ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ނެތް
މާލޭ ސަރަހައްދުން ނޫނީ މިއަދު ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ނެތް

މިއަދު އިރުއޮއްސި 6:00 އާ ހަމަ އަށް 24 ގަޑިއިރު ތެރޭގައި ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރި 1،282 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 35 ސާމްޕަލް ކަމަށާއި މާލެ ސަރަހައްދުން ނޫނީ ޕޮޒިޓިވް ކޭސްއެއް ނުފެންނަ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު މިއާ އެކު ވަނީ 10،894 އަށް އަރައިފަ އެވެ.

އަލަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުން ކަމަށް ވާއިރު މި ފަހުން ކޮންމެ ދުވަހަކުހެން މާލޭގެ އިތުރުން ރަށްރަށާއި ރިސޯޓްތަކުން ވެސް ކޭސްތައް ފެނެ އެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި އަށް ބިދޭސީންނެވެ.

އެޗްޕީއޭން މިރޭ އާންމުކުރި އަދަދުތަކުން ދައްކާ ގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި 88 މީހަކު ބަލިން ރަނގަޅުވެ މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 9،742 އަށް އަރައިފަ އެވެ. ގިނަ ދުވަސްތަކެއް ފަހުން މިއަދު ވަނީ ކޮވިޑްގައި ރާއްޖޭން މީހަކު މަރުވެ މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފަ އެވެ.

އެހެންވެ މިހާރު މި ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ، ރާއްޖޭން ބޭރަށް ގޮސްފައިވާ މީހުން ނުހިމަނައި 1،110 އެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު އިއްޔެ 74 ގައި ހުރުމަށް ފަހު މިއަދު ވަނީ 72 އަށް ދަށްވެފަ އެވެ. އިއްޔެ އައިސޮލޭޝަންގައި 376 މީހަކު ތިބި ނަމަވެސް މިއަދު އެ އަދަދު ވަނީ 368 އަށް ދަށްވެފަ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ މަހު ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކުރުމަށް ފަހު ބައެއް ކަންކަމުގައި މިހާރު ވަނީ ލުއި ދީފަ އެވެ. އަދި މިހާރު އަންނަނީ މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގެ ގެސްޓްހައުސްތައް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ. ނަމަވެސް އެއީ ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކުގަ އެވެ.