ކޮވިޑުގައި ރާއްޖޭން މަރުވި އަދަދު 35 އަށް
ކޮވިޑުގައި ރާއްޖޭން މަރުވި އަދަދު 35 އަށް

ކޮވިޑު-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދަނިކޮށް މެންދުރު 2:20 ހާއިރު 56 އަހަރުގެ އަންހެނަކު މަރުވެފައިވާ ކަމަށެވެ. މިއީ މި މަހު ކޮވިޑުގައި މަރުވި ފުރަތަމަ އަދި ރާއްޖެއިން މިހާތަނަށް ކޮވިޑުގައި މަރުވި 35 ވަނަ މީހާ އެވެ.

އެ ބަލީގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ ސެޕްޓެމްބަރު 21 ގަ އެވެ. ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް އޭރު މަރުވީ 90 އަހަރުގެ ފިރިހެނެކެވެ. އެއީ އެ ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި އެންމެ ދުވަސްވީ މީހާ އެވެ.

ކޮވިޑު ޖެހުނު މީހުންގެ އަދަދު އިތުރުވުމަށްފަހު، ފާއިތުވި ހަފުތާތަކުގެ ތެރޭގައި އަދަދުތައް ވަނީ މަދުވާން ފަށައިފަ އެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު 10،000 އިން މައްޗަށް އަރާފައިވާއިރު، އެ ބަލިން 9،683 މީހަކު ރަނގަޅުވެފައި ވެ އެވެ. އެހެންވެ މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 1141 މީހުންނެވެ.