މާލޭގައި ގްރޭޑް 7، 8 ގެ ކިޔެވުން ފަށަނީ
މާލޭގައި ގްރޭޑް 7، 8 ގެ ކިޔެވުން ފަށަނީ

ކޮވިޑް-19 ފެތުރޭތީ މާލޭ ސަރަހައްދުގެ ސްކޫލްތައް ބަންދުގައި ކޮށްފައި އޮތުމަށް ފަހު، މިހާރުގެ ހާލަތަށް ބަލައި އަންނަ ހޯމަ ދުވަހު މާލޭގައި ގްރޭޑް 8 ގެ ކިޔެވުން ފަށަން ނިންމާފައިވާ ކަމަށާއި އަދި މި މަހުގެ 25 ގައި ގްރޭޑް 7 ގެ ކިޔެވުން ވެސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރން ކުރި ޓްވީޓެއްގައި ބުނީ މި ދެ ގްރޭޑްގެ ކިޔެވުން ސްކޫލްތަކުގައި ފަށަން ނިންމީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

ކޮވިޑުން ރައްކާތެރިވާން މާޗު 12 ގައި ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދުކުރުމަށް ފަހު އަލުން ކިޔަވައިދޭން ފެށީ ޖުލައި 1 ގަ އެވެ. އޭރު ވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑު 9-12ގެ ދަރިވަރުންނަށެވެ. އެކަމަކު މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވުމުން އޮގަސްޓް 9 ގައި، ސްކޫލްތައް އަނެއްކާވެސް ބަންދުކުރި އެވެ.

ރާއްޖޭގެ އެހެން ހިސާބުތަކުގައި މިހާރު ވެސް ގެންދަނީ ސްކޫލްތައް ހުޅުވައިގެން، ހުރިހާ ގްރޭޑަކަށް ކިޔަވައިދެމުންނެވެ.

ސްކޫލުތަކަށް ދަރިވަރުން ވައްދަނީ ހުން ބަލައި، އަތް ސެނެޓައިޒްކުރުމަށް ފަހު އެވެ. ކްލާސްރޫމުގައި ދަރިވަރުން ތިބެނީ ތިން ފޫޓުގެ ގައިދުރުކަން ބަހައްޓައިގެންނެވެ. ރައްކާތެރިކަމުގެ އެ ފިޔަވަޅުތަކާ ހެދި ސްކޫލްތަކާ ގުޅުން ހުރި ކްލަސްޓާއެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.