ޓްރަމްޕުގެ ފަރާތުން މިހާރު އެހެން މީހުންނަށް ބަލި ނުފެތުރޭނެ: ޑޮކްޓަރުން
ޓްރަމްޕުގެ ފަރާތުން މިހާރު އެހެން މީހުންނަށް ބަލި ނުފެތުރޭނެ: ޑޮކްޓަރުން

ވޮޝިންޓަން (އޮކްޓޯބަރު 11) - ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އެމަނިކުފާނުގެ ފަރާތުން އެހެން މީހުންނަށް މިހާރު ބަލި ނުފެތުރޭނެ ކަމަށް ވައިޓް ހައުސްގެ ޑޮކްޓަރު ޝޯން ކޯންލީ ވިދާޅުވެއްޖެ އެވެ.

ހައިޓް ހައުސްގެ ބެލްކަންޏަށް ނުކުންނަވައި ޓްރަމްޕް ރޭ ވަނީ ސަޕޯޓަރުންނާ މުޚާތަބް ކުރައްވައިފަ އެވެ. މިއީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަހުން އާއްމުންނަށް ޓްރަމްޕް ފެނުނު ފުރަތަމަ ފަހަރެވެ. ޓްރަމްޕް ރޭ ވިދާޅުވެފައި ވަނީ މިހާރު ބޭސް ވެސް ބޭނުން ނުކުރައްވައި ކަމަށާއި ހާލު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ.

ކޮވިޑް-19 ޕޮޒިޓިވްވުމާ ގުޅިގެން ޓްރަމްޕަށް ވަނީ ހޮސްޕިޓަލުގައި ތިން ދުވަހު ފަރުވާ ދީފަ އެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޓްރަމްޕުގެ ފަރާތުން އެހެން މީހުންނަށް އަދިވެސް ބަލި ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވައިޓް ހައުސްގެ ޑޮކްޓަރު ނެރުއްވި މެމޯއެއްގައި ބުނެފައި ވަނީ އެންމެ ފަހުން ހެދި ޓެސްޓްތަކުން ދައްކާފައި ވަނީ ޓްރަމްޕުގެ ހަށިގަނޑުގައި ވައިރަސް އިތުރުވަމުން ނުދާ ކަމަށާ އަދި ވައިރަސް ލޯޑް ވެސް ވަރަށް ބޮޑަށް ދަށްވާ ކަމަށެވެ.

ޓްރަމްޕުގެ ހަށިކޮޅުން ކޮރޯނާވައިރަހުގެ އަލާމަތްތައް ފެންނަން ފަށާފައި ވަނީ މީގެ 10 ދުވަސް ކުރިންނެވެ. އޭގެ އެއް ދުވަސް ފަހުން، އޮކްޓޯބަރު 2 ގައި ވަނީ ވޯލްޓާ ރީޑް މެޑިކަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފަ އެވެ. ޓްރަމްޕަށް ދިން ފަރުވާތަކުގެ ތެރޭގައި ސްޓެރޮއިޑެއް ކަމަށްވާ ޑެޒަމެތަސޯން ހިމެނެ އެވެ.

ކޮރޯނާވައިރަހަށް ޓްރަމްޕް ޕޮޒިޓިވްވި އިރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ފޯރި ވަނީ ގަދަވެފަ އެވެ.