ގައިޑްލައިނާއެކު ކޮންމެ ކްލަބެއްގައި ހައިޖީން އޮފިސަރެއް
ގައިޑްލައިނާއެކު ކޮންމެ ކްލަބެއްގައި ހައިޖީން އޮފިސަރެއް

ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ކްލަބްގެ ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ހުއްދައާ އެކު ޓީމުތަކުން ޕްރެކްޓިސް ފަށާއިރު ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަވޭތޯ ބަލަން ކޮންމެ ކްލަބަކުން ހައިޖީން އޮފިސަރެއް ހަމަޖައްސައިފި އެވެ.

އެފްއޭއެމުން ވަނީ އިއްޔެ އަށް ކްލަބްގެ ހައިޖީން އޮފިސަރުންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ. ހައިޖީން އޮފިސަރުންގެ ޒިންމާ އަކީ ޕްރެކްޓިސް ދަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ތެރެއިން ތޯ ބެލުމެވެ.

ގައިޑްލައިންގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު ކުޅުންތެރިންނާއި އޮފިޝަލުން ދަނޑަށް ވަންނަން ޖެހޭނީ މާސްކް އަޅައިގެންނެވެ. ދަނޑަށް ވަންނައިރު ނިހޫނުމިން ޗެކްކުރަން ޖެހޭނެ އެވެ. އަދި ކަނޑައެޅިފައިވާ ފިނިހޫނުމިނަށް ވުރެން މަތި ވެއްޖެނަމަ ދަނޑަށް ނުވައްދާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރަން ޖެހޭނެ އެވެ. މީގެ އިތުރުން ޓްރެއިނިން ދަނޑަށް އަންނައިރު އެއް ކްލަބް އަނެއް ކްލަބާއި މަސްހުނިނުވާ ގޮތަށް ހެދުމާއި ޓްރެއިން ކުރާއިރު ކޮންމެ ޓީމަކުން ވެސް ބައިވެރިވެވޭނީ 30 ކުޅުންތެރިންނާއި 10 އޮފިޝަލުން ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންނަށް ސެނިޓައިޒާ އާއި ފެނުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހެ އެވެ.

ކްލަބްތަކާ އެކު އެފްއޭއެމުން ބޭއްވި މި ބައްދަލުވުމުގައިވަނީ ސީޒަން ފަށަން އެފްއޭއެމުން ކުރާ މަސައްކަތާއި ގުޅޭގޮތުންނާއި ކްލަބް ލައިސަންސިންގެ ކަންތައްތަކާއި ފައިނޭންޝިއަލް ރިޕޯޓްތަކާ ބެހޭގޮތުން ވެސް މަޝްވަރާތައް ފަށައިފަ އެވެ.

ފުރަތަމަ ޑިވިޝަނުގައި މިހާތަނަށް ޕްރެކްޓިސް ފެށި ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މާޒިޔާ އިން ވަނީ މީގެ ކުރިން ވެސް ޕްރެކްޓިސް ކޮށްފަ އެވެ. އެއީ އޭއެފްސީ ކަޕް ކެންސަލްވުމުގެ ކުރިން އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރަސްމީކޮށް މިދިޔަ ބުރާސްފަތި ދުވަހު ޕްރެކްޓިސްތައް ފަށަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދިނުމާ އެކު މާޒިޔާ އަށް އަވަހަށް ޕްރެކްޓިސް ފެށުނީ އެ ޓީމުން ދުރާލާ ތައްޔާރުވެގެން ތިބުމުންނެވެ.

ނިއު ނޯމަލްގައި ދިވެހި ފުޓްބޯޅައިގައި އަމަލުކުރާނެ ޕްލޭނެއް، ފީފާ އާއި އޭއެފްސީ އަދި ޑަބްލިއުއެޗްއޯގެ އުސޫލުތަކާ އެއްގޮތަށް އެކުލަވާލައި އެޗްޕީއޭ އަށް އެންމެ ފުރަތަމަ ފޮނުވީ މިދިޔަ ޖޫން މަހު އެވެ. އެއްކޮށް ފައިނަލް ކުރާނީ އެޗްޕީއޭގެ ލަަފަޔާ އިރުޝާދުގެ ތެރެއިން ކަމަށް އެފްއޭއެމްގެ އެކްސްކޯ މެމްބަރު އަދި އެފްއޭއެމް މެޑިކަލް ޑިޕާޓްމަންޓްގެ ހެޑް އަހުމަދު ޝަކީބް (ޑޮކް) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މާޒިޔާގެ އިތުރުން ދެން މި ފަަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ ޓީސީ، އީގަލްސް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ޕްރީ ސީޒަން ޕްރެކްޓިސް ލަސްވެގެން ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭ ހުރިހާ ކްލަބަކުން ފަށާނެ އެވެ. ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ޓީސީން ޕްރެކްޓިސް ފަށާނީ މި މަހު 25 ވަނަ ދުވަހު އެވެ. ޔުނައިޓެޑް ވިކްޓްރީން މި މަހު 20 ވަނަ ދުވަހު ފަރިތަކުރުންތައް ފަށަން ނިންމާފައިވާއިރު، އީގަލްސްގެ ޕްރެކްޓިސް ފެށުން ތާވަލުކޮށްފައި އޮތީ އަންނަ މަހު އެއް ވަނަ ދުވަހަށެވެ.