31 އޮކްޓޯބަރ 2016 - 05:41

ކުޑަކުދިންނަށް ބޭނުންވާ އެކި ބާވަތްތައް އުފައްދާ ޖޯންސަން އެންޑް ޖޯންސަންސް އިން އުފައްދާ ފުށް ޖެހުމުގެ ސަބަބުން އޯވަރީ އަށް ކެންސަރު ޖެހުނު ކަމަށް ބުނެ ކެލިފޯނިއާ އަންހެނަކު ކުރި ދައުވާއެއް އެ މީހާއާ އެއްކޮޅަށް ނިންމައި ބަދަލުގެ ގޮތުގައި 70 މިލިއަން ޑޮލަރު ދޭން ހުކުމް ކޮށްފި އެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު މި ހުކުމް ކޮށްފައި ވަނީ ޑެބޯރާ ގިނޭޗިނީ ކިޔާ މީހަކު ކުރި ދައުވާއަކާ ގުޅިގެން ކަމަށެވެ. އެ މީހާ ބުނެފައި ވަނީ އޯވަރީ އަށް ކެންސަރު ޖެހުނީ ގިނަ ދުވަސްތަކެއް ވަންދެން ޖޯންސަން އެންޑް ޖޯންސަންސް ފުށް ބޭނުންކޮށްފައި ވާތީ ކަމަށެވެ. އެކަމަކު ޖޯންސަން އެންޑް ޖޯންސަންސް އިން މި ވާހަކަ ގަބޫލެއް ނުކުރެ އެވެ.
ޖޯންސަން އެންޑް ޖޯންސަންސް އާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ މި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށެވެ.
މީގެ ކުރިން ވެސް އެމެރިކާގައި ވަނީ ޖޯންސަން އެންޑް ޖޯންސަންސް އާ ދެކޮޅަށް މިފަދަ ދެ ހުކުމެއް ކޮށްފަ އެވެ. އެ ދެ ހުކުމުން 127 މިލިއަން ޑޮލަރުގެ ބަދަލު ދޭން އަމުރުކޮށްފައިވެ އެވެ. އަދި މީގެ އިތުރު ދެ ހުކުމެއް މަތީ ކޯޓުން ބާތިލްކޮށްފައިވެ އެވެ. ހުކުމް ބާތިލްކުރި އިރު ކޯޓުން ކަނޑައަޅާފައި ވަނީ ކެންސަރު ޖެހުނީ ޖޯންސަން އެންޑް ޖޯންސަންސްގެ އުފެއްދުންތައް ބޭނުންކުރުމުން ކަމަށް ގަބޫލުކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސް އިން ބުނާ ގޮތުގައި ޖޯންސަން އެންޑް ޖޯންސަންސް އާ ދެކޮޅަށް ދެ ހާހެއްހާ އަންހެނުން ދައުވާކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ވަކީލުން އެކަމާ ބެހޭ ގޮތުން ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.