11 އޮކްޓޯބަރ 2020 - 08:52

ބުދަ ދުވަހާ ގުޅޭ
"ހަމަ ފައްކާ މޮޔައެއް!" ހިނިތުންވެލައިފައި މިހާދު ބުންޏެވެ. "އެހެން ކީކޭ ބުނާނީ؟ ހިލޭފިރިހެނެއް ކައިރީގައި ހޭލާ ހުންނަން އަންހެނުން ފޮނުވާފަ، އަންހެނުން ދެކިލާ ހިތުން މި ގަޑީގަ މި ވާރޭ ތެރޭގަ ހޭޖެހޭ މީހަކު ހުންނާނެތަ؟ ދަންނަ ބައެއް ރައްޓެހިން ބުނެޔޭ! މި ވަރަށް މީހުން ލޯބިވޭހޯ؟ މީހުންނަކަށް މިހާރަކު ނޭނގޭ ލޯތްބަކީ ކޯޗެއް ކަމެއް."
ވާހަކަދައްކަން ދެ މީހުން ތިބީ ދޮރުމަތީގައެވެ. ވައި ގަދަކަމުން ކިރިޔާ ވެސް ހިޔާ ވަނީ ކުޑަ ދަށުގައި ހުންނަ މީހާއެވެ. އެތެރެއަށް ވަންނާކަށް އެކަކު ވެސް ހަނދާނެއް ނެތެވެ. ކުޑައިން ހިޔާވަނީ ހަމަ އެކަނި ރިފާކަން މިހާދަށް ހަނދާންކޮށްދިނުމުގެ ބަދަލުގައި ރިފާއަށް ދެއްކުނީ އެހެން ވާހަކައެކެވެ.
"އަހަރެން ހިތަށްއަރާ ތި ކަހަލަ ކިތައް މީހުންބާއޭ މިހާރު ދުނިޔޭގަ އުޅޭނީ،" ރިފާ ހިނިތުންވުމަށް މަސައްކަތް ކުރަމުން ބުންޏެވެ. "އެކަމަކު އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާތި! މިހާދަށް ލިބެން ޖެހޭނީ އަހަންނަށް ވުރެ ރަނގަޅު މީހެއް. އަހަންނަށް ވުރެ ލޯބިވާ މީހެއް. އަހަންނަކީ އެކަކާ އިނދެފަ ހުރި މީހެކޭ."
"ހެޔޮ!" މިހާދު ވަގުތުން ބުންޏެވެ.
"ބޮޑު ސިންގާ ދަރިއެއް އެބަހުރި." ރިފާ ބުންޏެވެ.
"ހެޔޮ!" ކުޑަކޮށް ވެސް ކަންބޮޑު ނުވާ ކަހަލަ ރާގެއްގައި މިހާދު ބުންޏެވެ. "އަހަރެން ފޫހިކުރުވަން ރިފާއަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނޯންނާނެ. ތި ބުނަނީ އެންމެ މީހަކާ އިނދެފަ އެންމެ ދަރިއެއް ހުރި ވާހަކައެއްނު. ވަރިހަމަ ކިތަންމެ މީހުނަކާ އިނދެފަ ކިތަންމެ ދަރިންނެއް ތިއްބަސް. އެ ހުރިހާ ދަރިން ބަލަންޖެހިއްޖެއްޔާ، ބޮޑު ވަރަކަށް އަހަރެންގެ ގެއެއްނު ފުރޭނީ. މި ހިތުގަ ލައްކަ ޖާގަ އެބަހުރި."
ދެން ބުނާނެ އެއްޗެއް ރިފާއަކަށް ނޭނގުނެވެ. ކޮށްލެވުނީ ކުރިން ވެސް ކުރާ ސުވާލެވެ.
"އަހަރެން ދެކެ ތިހާ ވަރަށް ލޯބި ތި ވަނީ ކީއްވެގެންތަ؟" ރިފާ އެހިއެވެ.
އެ ސުވާލަކަށް މިހާދު ޖަވާބެއް ނުދިނެވެ. ހަމަ އެކަނި ހިނިތުންވެލި ކަމެވެ. ރިފާގެ އަތް ނަގައިފައި އަތަށް ކުޑަ ދިނެވެ.
"ދަނީ!" މިހާދު ބުނެލިއެވެ.
ރިފާ ބަލަހައްޓައިގެން ހުއްޓައި ފެންގަނޑު ތެރެއަށް މިހާދު ނުކުތެވެ. ކޮންމެހެން ވާރޭ ހިޔާވާކަށް މިހާދު މަސައްކަތެއް ނުކުރެއެވެ. މަގު މެދުގައި ހުއްޓިލިއެވެ. ރިފާއަށް ބަލައިލިއެވެ. އަދި އަތްދަނޑި މައްޗަށް މީހަކު ލައިގެން ހުންނަހެން އަތް އުފުލައިލިއެވެ. މަޑުމަޑުން އެނބުރެން ފެށިއެވެ. ރިފާގެ ލޮލުން ކަރުނަތައް އޮހޮރިގަތެވެ. އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. މިހާދު ހަނދާންކޮށްދިނީ ކޮން ހާދިސާއެއްކަން ރިފާއަށް އެނގެއެވެ. އެ ރެޔާއި އެ ވަގުތުކޮޅު މަތިން ރިފާ ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އިރުކޮޅަކު އެނބުރުމަށް ފަހު ރިފާއަށް ހިނިތުންވެލައިފައި މިހާދު ގޮސް ކާރަށް އެރިއެވެ. މަޑުމަޑުން ކާރު ދުއްވައިލިއެވެ. ކާރު ގެއްލެންދެން ރިފާ ބަލަން ހުއްޓެވެ.
ގަޑިން ހެނދުނު އަށެއް ޖަހަނީއެވެ. މަޑު ދުވެއްޔެއްގައި އައި ޓެކްސީ ހޮސްޕިޓާ ކައިރިއަށް މަޑުކޮށްލުމުން ނަޝްފާ ކާރުން ފޭބިއެވެ. މަގުގެ އަނެއް ފަރާތުގައި އޮތް ކާރާއި، ކާރު ދުއްވަން އިން މީހާ ނަޝްފާއަށް ފެނުނެވެ. ފެނުނު ކަމަށް ނުހެދުނީއެވެ. ޒާހިރު އޮތް ކޮޓަރިއަށް ވަންނަން ނަޝްފާ ދިޔަ އިރު ރިފާ ހުރީ ބޭރުގައެވެ.
"ކީއްވެ މަންމަ ބޭރުގަ ތިހިރީ؟" ނަޝްފާ އެހިއެވެ.
"ނަރުސް އެބަ އުޅޭ އެތެރޭގަ،" ޖަވާބުގައި ރިފާ ބުންޏެވެ. "ދަރިފުޅު ވަދެ ބައްޕައަށް ސައި ދެއްޗޭ! މަންމަ ބުންޏަކަސް ބުނާ ގޮތެއް ނަހަދާ!"
"ބައްޕަ ބުނި ގޮތް މަންމަ ހެދިންތަ؟" ހިތްހަމަނުޖެހިފައި ނަޝްފާ ބުންޏެވެ. "މަންމަ ދެން ދޭ ނިދަން. އެބަ އިން ބަލާ އައިސް. ހާދަހާ ފޫހިވާ މީހާގަނޑެކޭ!"
އެންމެ ފަހުން ބުނި ޖުމުލަ ބުނި ރާގުން މިހާދު ދެކެ ނަޝްފާ ކިހާ ފޫހިވެފައި ހުރިކަން ރިފާއަށް އަންދާޒާ ކުރެވެއެވެ.
"އެތެރޭގަ ބޭގު އޮންނާނީ." ރިފާ ބުންޏެވެ.
ދަރިފުޅު ގާތުގައި ކިތަންމެ ވާހަކައެއް ދައްކަން ރިފާ ބޭނުމެވެ. އެހެނަސް އެ ވާހަކަތަކުގެ ސަބަބުން ދެން ނުކުމެދާނެ މައްސަލައަކާ މެދު ވިސްނޭތީ ހަނުހުންނަނީއެވެ. އެކަމަކު އެ ފަހަރު ރިފާ ހިތަށްއެރިއެވެ. ކޮންމެ ކަމަކަށް ވެސް ނިމުމެއް އަންނަން ޖެހޭނެއެވެ. ބުނަން އޮތް އެތި އެންމެ ރަނގަޅުވާނީ ބުނިއްޔާއެވެ.
"މަންމަ ނުބުނާނަން މިހާދު ދެކެ ދަރިފުޅު ފޫހި ނުވާށެކޭ!" އޯގާވެރި ރާގެއްގައި ރިފާ ބުންޏެވެ. "ތި ދެ މީހުން އެއްގަލަށް އަރާކަށް ނުވެސް ޖެހޭ! އެކަމަކު ބައްޕަ ދެކެ ނަޝްފާ ވަރަށް ލޯބިވެއެއްނު ދޯ! ބައްޕައަށް ފަރުވާ މި ކުރަނީ އަހަރުމެންގެ ފެންވަރަކުން ނޫން. މަންމަ ނުބުންޏަސް ދަރިފުޅަށް އެނގޭނެ ކޮންމެވެސް އެހެން މީހަކު އެބަ އެހީވާކަމާ އެއީ ކާކުކަން ވެސް. ކުޑަމިނުން އޭނަ ކައިރީގަ ޝުކުރިއްޔާ ބުނާށެކޭ ވެސް ނޫން. އެކަމަކު ހިތްހެޔޮކޮށްލުން އެންމެ ރަނގަޅު ކަންނޭނގެ."
އެ ކަމާ ނަޝްފާއަކަށް ދެކޮޅެއް ނެހެދުނެވެ. ކޮޓަރިން ނަރުސްކުއްޖާ ނުކުތުމުން ދަބަސް ހިފައިގެން ރިފާ ދިޔައެވެ. ކުރިން މިހާދު ފޮނުވި މެސެޖަށް ނަޝްފާ ޖަވާބުދިނީ އެ ވަގުތުއެވެ. ކޮޓަރިއަށް ވަން އިރު ޒާހިރު އޮތީ ވަރަށް ހިތްހަމަނުޖެހިފައެވެ.
"ދަރިފުޅާ!" ޒާހިރު ތަންކޮޅެއް ހަރުކަށިކޮށް ބުންޏެވެ. "ބައްޕަ ވޯޑަށް ބަދަލުކޮށްދީބަލަ! އަހަރެން ބޭނުމެއް ނޫން އަނބިމީހާ ވިއްކައިގެން ކާކަށް."
"ތި ކަން ކުރެވިދާނެ މިހާރު ވެސް ބައްޕާ!" ނަޝްފާ ޖަވާބުދިނެވެ. "ބުނާ އިރަށް ވޯޑަށް ބަދަލުކޮށްދޭނެ. އެކަމަކު ބަލި މީހުންތަކެއް ތެރެއަށް ގޮސް އޮންނަން ޖެހުނީމަ ބައްޕައަކަށް ފަސޭހައެއް ނުވާނެ. އަހަރުމެންނަކަށް ވެސް ފަސޭހައެއް ނުވާނެ. އަނެއްކޮޅުން މަންމައަކީ މިހާރު ބައްޕަގެ ވައިފެއް ނޫނެއްނު! އެހެންވެ ބައްޕަ ތި ބުނާ، އަނބިމީހާ ވިއްކައިގެން ކޭ ކަމަކަށް ވެސް ނުވާނެއްނު! އަހަރެން ހިތަށްއަރަނީ، ބިލަށް ވީހާ ވެސް ގިނަ ލާރި އެރި ވަރެކޭ ރަނގަޅީ."
ޒާހިރަށް އެ ތަންކޮޅު ވިސްނުމުން ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ހަމަ އެ ކަހަލަ ހިނިތުންވުމެއް މިހާދުގެ ތުންފަތަށް ވެސް ވަނީ ވެރިވެފައެވެ.
"ކާކުގެ މެސެޖެއް؟" ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ރިފާ އެހިއެވެ.
ރިފާ އެ ސުވާލު ކުރީ މިހާދު ފޯނަށް ބަލަހައްޓައިގެން އިންނާތީއެވެ.
"ލޯބިލޯބި އަންހެންކުއްޖެއްގެ،" ލާނެތް ރާގެއްގައި މިހާދު ބުންޏެވެ. "މިރޭ މީޓުކުރަން."
"ތި ނޫން ކޮންމެ ވާހަކައެއް ބުނި ނަމަވެސް ގަބޫލުކުރީމުސް،" ވަރަށް ހަމަޖެހިލައިފައި ރިފާ ބުންޏެވެ. "ތީ އަހަންނާ ހެދި މޮޔަވެފަ ހުންނަ މީހެއް. ކިހިނެއް މިހާދަށް އެހެން މީހަކު ފެންނާނީ؟"
މިހާދު ހީނގަތެވެ. ގެއަށް ކާރު މަޑުކުރުމުން ރިފާ ފޭބިއެވެ. މިހާދެއް ނުފައިބައެވެ.
"ސައިބޮއިގެން ނިދާ!" މިހާދު އެދުނެވެ. "އަނެއްކާ މިރޭ ދާންޖެހޭނެއްނު!"
"މިހާދު ކޮން ތާކަށް ތި ދަނީ؟" ރިފާ ސުވާލުކުރިއެވެ.
"އެބަ އަންނަން." މިހާދު ދިނީ ކުރު ޖަވާބެކެވެ.
މިހާދު ޖަވާބު ދިނީ ރިފާގެ ހިތުގައި ސުވާލު އުފެދޭ ކަހަލަ ގޮތަކަށެވެ. އެހެންޏާ ދުވަހަކު ވެސް މިހާދު އެ ގޮތަކަށް ޖަވާބެއް ނުދެއެވެ. ދާ ތަނަކާއި ކުރާ ކަމެއް ބުނާނެއެވެ. މިހާދު ދިޔައީ އޭޓީއެމަށެވެ. އެ ތަނުން ފަންސަވީސް ހާސް ރުފިޔާއާއި ސޯޅަ ސަތޭކަ ޑޮލަރު ނެގިއެވެ. އެއީ ކުއްލިއަކަށް މިހާދަށް އައި ހިޔާލެކެވެ. ފައިސާ ހިފައިގެން ފުރަތަމަ ވަނީ މިސްކިތަށެވެ. ދެ ރަކުއަތް ނަމާދެއް ކޮށްފައި ދުއާ ކުރިއެވެ. އެއަށް ފަހު، މިސްކިތުން ނުކުމެ، ތަނަވަސްކަން ކުޑަހެން މިހާދަށް ހީވި މީސްމީހުންނަށް ފައިސާތައް ބަހައި ހުސްކޮށްލިއެވެ. ހިތުގައި އޮތީ އެންމެ އެދުމެކެވެ. ހަމަ އެންމެ އުންމީދެކެވެ.
ރޭގަނޑު ހޮސްޕިޓަލަށް ދާން ރިފާ ތައްޔާރު ވަނިކޮށް ނަޝްފާގެ ފޯނެއް އައެވެ. ރިފާ ހީކުރީ ޒާހިރު ކޮންމެސް ކަމަކާ ބޮޑާހާކަނީ ކަމަށެވެ.
"ކިހިނެއްވީ ދަރިފުޅާ؟" ރިފާ އެހިއެވެ.
"އެނގޭނެ ކީއްވެގެންކަން މި ގުޅީ،" ނަޝްފާގެ އަޑުގައި ވަނީ ޔަގީންކަމެވެ. "ކީކޭ އަހަރެން ބުނަންވީ؟"
ނަޝްފާ ބުނި އެއްޗެއް ރިފާއަަކަށް ނުވިސްނުނެވެ. މިހާދު އެ ވާހަކަ ނުބުނެ އޮވެދާނެ ކަމަކަށް ނަޝްފާ ހިޔެއް ނުކުރެއެވެ. ހުރިހާ ކަމެއް އޮޅުންފިލަން އިރުކޮޅެއް ނެގިއެވެ. އެ ހިސާބުން ރިފާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އެހެނަސް އެ ކަމެއް ނަޝްފާއަކަށް ނާންގައެވެ.
"ދަރިފުޅު ބުނަންވީ އެއްޗެއް އެނގޭނީ ދަރިފުޅަށް،" ރިފާ ބޭނުންވާ ގޮތް ސިއްރުކުރަމުން ރިފާ ބުންޏެވެ. "މަންމަ ހަމަ އެކަނި ބުނެލަން އޮތީ ދަރިފުޅަށް ވުރެ މުހިންމު މީހަކު މަންމައަކަށް ނުހުންނާނޭ!"
ނަޝްފާ ވިސްނައިލިއެވެ. ހިތުގައި ސުވާލު އުފެއްދިއެވެ. ނަޝްފާއަށް އެންމެ މުހިންމީ ކާކު ހެއްޔެވެ؟ މަންމަ ހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ނަޝްފާގެ އަމިއްލަ ނަފުސު ހެއްޔެވެ؟
"އަހަރެން މިހާރު ބޭނުންވަނީ.." ނަޝްފާއަށް ބުނެވުނީ އެ ހިސާބަށެވެ.
"މަންމަ ކައިރިއަކު ނޫނޭ ބުނަންވީ!" ރިފާ ބުންޏެވެ. "ބުނަންވީ މީހާ ކައިރީގަ ބުނޭ! މަންމަ ކައިރީގަ ތި ވާހަކަ ނުބުނެ އޮތީމަ މަންމަ ވެސް ބޭނުމެއް ނޫން އެނގުނު ކަމަށް ހަދާކަށް."
ރިފާ ގޮވައިގެން މިހާދު ހޮސްޕިޓަލަށް ދިޔަ އިރު، ކޮންމެ މީހަކު ވެސް މޫނުމަތިން ދައްކަން މަސައްކަތް ކުރީ ހާސްނުވާކަމެވެ. ރިފާ ހޮސްޕިޓަލަށް ވަންތާ އިރުކޮޅެއް ފަހުން ނަޝްފާ އަންނަ ތަން ފެނުނެވެ. މިހާދު ގޮނޑީގައި ހަމަޖެހިލިއެވެ. ގަޑީގެ ކަށްޓާއި މިހާދުގެ ހިތުގެ ވިންދާއި ގުޅިފައިވާ ކަހަލައެވެ. ނަޝްފާ އައިސް ކާރު ކައިރިއަށް ހުއްޓުނެވެ. މިހާދާ ހަތަރުކަޅި ހަމަކުރާކަށް ނަޝްފާ ބޭނުމެއް ނޫނެވެ. ދޭންޖެހޭ ޖަވާބެއްގެ ސަބަބުންނެވެ.
"އަރާ!" ނަޝްފާ އެއްޗެއް ނުބުނެ ހުރުމުން މިހާދު އެދުނެވެ. "ހަމަޖެހިލައިގެން ތިބެއެއްނު ވާހަކަދައްކާ ލެވޭނީ."
ނަޝްފާ ކާރަށް އަރާކަށް ހިޔާލެއް ނުކުރިއެވެ. އެންމެ ސަބަބަކަށް ޓަކައެވެ. މިހާދަށް ދޭން ނަޝްފާއަށް މަޖުބޫރުވެފައި ވަނީ ނަޝްފާ ހިތުގެއަޑިން، އެންމެ ދޭން ބޭނުންވި ޖަވާބެއް ނޫނެވެ. ނަޝްފާ އެނބުރިލައިފައި މިހާދަށް ބަލައިލިއެވެ. މިހާދުގެ މޫނުން ދޮންބައްޕައެއްގެ ސިފަ ފެނޭތޯއެވެ.
ނުނިމޭ