ލަންކާގައި "ވާށޭ މަށާއެކީ"ގެ ހަ ޝޯ
ލަންކާގައި "ވާށޭ މަށާއެކީ"ގެ ހަ ޝޯ

މިދިޔަ މަހު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ވާށޭ މަށާއެކީ" ގެ ހަ ޝޯ އަވަށްޓެރި ސްރީ ލަންކާގައި ދައްކަން ނިންމައި، ފިލްމް އަޅުވާ ތާރީހުތައް އިއުލާންކޮށްފި އެވެ.

ޑާކް ރެއިނުން ބުނީ ލަންކާގައި ސިނަމާ ހިންގާ ފަރާތަކުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ފިލްމް އަޅުވަން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން މި މަހުގެ 13، 14 އަދި 15 ގައި ފިލްމް ދައްކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ލަންކާގައި ފިލްމް އަޅުވަނީ ކޮލޮމްބޯގެ ލިބަޓީ ލައިޓް ސިނަމާ އާއި މައުންޓް ލެވީނިއާގެ ސިޓީ ސިނަމާގަ އެވެ. އެ ދެ ސިނަމާގައި "ވާށޭ މަށާއެކީ" ގެ ޖުމްލަ ހަ ޝޯ ދައްކަން ވަނީ ނިންމައިފަ އެވެ.

ލިބަޓީ ސިނަމާ އިން ފިލްމްގެ ޓިކެޓަށް ނަން ނޯޓް ކުރަން ގުޅަން ޖެހެނީ 94717145766 އެވެ. އަދި ސިޓީ ސިނަމާ އިން ޓިކެޓަށް ނަން ނޯޓް ކުރަން ޖެހެނީ 94777324734 އަށެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ ލަންކާގައި "ވާށޭ މަށާއެކީ" އަޅުވާކަން ދިވެހިންނަށް އަންގައިދިނުމުގެ ގޮތުން ފިލްމް އަޅުވާ ފަރާތުން، ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް މައުލޫމާތު ވެސް ފޯރުކޮށް ދެމުން އަންނަ ކަމަށެވެ.

ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގައި ލީޑް ރޯލް ކުޅެފައި ވަނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ.

އެޕްރީލް ފަހެއްގައި ރިލީޒް ކުރި "ވާށޭ މަށާއެކީ" ހައުސްފުލް 19 ޝޯ މާލޭގައި ދައްކާފައިވާ އިރު، ބައެއް އަތޮޅުތަކުގައި މިހާރު ވެސް އަންނަނީ ފިލްމް ދައްކަމުންނެވެ.

މޮގާ ބުނީ ޑާކް ރެއިނުން މިދިޔަ އަހަރު ރިލީޒް ކުރި އަދި މިހާރު ލަންކާގައި ކުރިއަށްދާ ސާކް ފިލްމް ފެސްޓިވަލްގައި ވާދަ ކުރާ "މިކޮއެ ބައްޕަ ބައޭބައޭ" އާއި 2014 ގައި ރިލީޒް ކުރި "ހުޅުދާން" ވެސް ލަންކާގައި އަޅުވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.